ދިވެހިރާއްޖޭގެ އިސްލާމީ ދާއިރާއަށް އަގުނުކުރެވޭފަދަ ބޮޑެތި ޚިދުމަތްތަކެއް ކުރެއްވި، ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު ރޭގެ ވަގުތެއްގައި ނިޔާވެއްޖެއެވެ. މައްޗަންގޮޅީ ފީރޯޒްވާދީއަށް ނިސްބަތްވެވަޑައިގަންނަވާ ޝައިޚް އިސްމާޢީލް މުޙައްމަދަކީ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމުވެސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ޝައިޚް އިސްމާޢީލް މުޙައްމަދު ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެކަމުގެ ފުން ހިތާމައިގައި ބައިވެރިވެވަޑައިގެން ތައުޒިޔާ ވިދާޅުވެފައެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި ޝައިޚަކީ ރާއްޖޭގައި ދީނީ ޢިލްމު ފެތުރުއްވުމަށް ނުހަނު ފުޅާދާއިރާއެއްގައި މަސައްކަތްޕުޅު ކުރެއްވި، އަދި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު އެތައް ދަރިވަރުންނަކަށް ހޯއްދަވައިދެއްވި ބޭފުޅެކެވެ.
ދ. މީދޫއަށް އުފަން ޝައިޚް އިސްމާޢީލް މުޙައްމަދަކީ ރާއްޖޭގެ ދީނީ ޢިލްމީ ދާއިރާގެ ކުރީ ސަފުގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، “މީގެއިތުރުން، ދިވެހި ގައުމަށް މަތިވެރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ހިދުމަތުގެ އިސް ސަފުގައި ހިދުމަތްކުރައްވަމުން ގެންދަވާ އެތައް ބޭފުޅެއްގެ އުސްތާޛެއްވެސްމެ.” ޝައިޚަކީ ދީނީ ގިނަ ފޮތްތަކެއް ދިވެހިބަހަށް ތަރުޖަމާކުރައްވައި ޝާއިޢުކުރެއްވި ބޭފުޅެއްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މަރުޙޫމްގެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދިވަޑައިގެން، އިޚްލާޞްތެރި ތައުޒިޔާ ފޮނުއްވާފައިވެއެވެ. އަދި މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ މަތިވެރި ނިޢުމަތް މަރުޙޫމަށް މިންވަރުކޮށްދެއްވުން އެދި ދުޢާ ކުރައްވާފައިވެއެވެ.

