މެކްސިކޯގެ މޮންޓެރޭ ސްޓޭޑިއަމްގައި އާދީއްތަ ދުވަހު ކުޅުނު ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އެފްގެ މެޗުގައި ޖަޕާނުން 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޓިއުނީޝިއާ ބަލިކޮށްފިއެވެ. މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި އޭޝިއާގެ ގައުމަކުން ހޯދި އެންމެ ތަފާތު ބޮޑު މޮޅެވެ.
މި މޮޅާއެކު ޖަޕާން ވަނީ މުބާރާތުގެ ދެވަނަ ބުރާއި ގާތަށް ދަތުރުކޮށްފައެވެ. އަދި މި ބައްޔާއެކު ޓިއުނީޝިއާ ވެފައިވަނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕުން ކެޓި ތިންވަނަ ގައުމަށެވެ. ޖަޕާނުން މި މުބާރާތުގެ ފުރަތަމަ މެޗުގައި ނެދަލޭންޑްސްއާ ކުޅެ 2-2 އިން އެއްވަރުވެފައިވާއިރު، މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި ޖަޕާނުން ހޯދި ފުރަތަމަ މޮޅެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަޕާނަށް ކާމިޔާބުކޮށްދިނީ މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ކަމާޑާއެވެ. އޭގެ ފަހުން 31 ވަނަ މިނެޓުގައި އަޔާސޭ އުއެޑާ ވަނީ ލަނޑެއް ޖަހައި ޖަޕާނުގެ ލީޑު ފުޅާކޮށްދީފައެވެ. ޖަޕާނުގެ ތިންވަނަ ލަނޑު މެޗުގެ 69 ވަނަ މިނެޓުގައި ޖޫންޔާ އިޓޯ ކާމިޔާބުކުރިއިރު، މެޗުގެ ފަހު ލަނޑު 83 ވަނަ މިނެޓުގައި ޖަހައިދިނީ ދެވަނަ ލަނޑުވެސް ކާމިޔާބުކުރި އަޔާސޭ އުއެޑާއެވެ. އޭނާ ވަނީ މި މެޗުގައި ދެ ލަނޑު ޖަހައިފައެވެ.
ވޯލްޑް ކަޕްގެ ތާރީޚުގައި ކުޅެވުނު 1000 ވަނަ މެޗު ޖަޕާނުން ނިންމާލީ ފަސްތަރީގެ މޮޅު ކުޅުމަކާއެކުގައެވެ. ޓިއުނީޝިއާ މި މުބާރާތާ ކުރިމަތިލީ ހެޑް ކޯޗު ބަދަލުކޮށްގެން ނަމަވެސް، އެ ގައުމުގެ ނަތީޖާއަށް ބަދަލެއް ނުގެނެވި މުބާރާތުން ވަނީ އަލްވަދާއު ކިޔަން ޖެހިފައެވެ.

