ސަރުކާރުން މިއަހަރުގެ ތެރޭގައި ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދަށް ރާއްޖެއަށް ހިލޭ އެހީ ލިބިއްޖެއެވެ.
ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި، ދަޢުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައި، މަންތްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ހާމަވާ ގޮތުގައި، މާލީ ވުޒާރާއިން މިއަހަރަށް ހުށަހެޅި ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ 373.6 އަށް ވުރެ އިތުރަށް މިމަހުގެ 4ވަނަ ދުވަހާ ހަމައަށް ވަނީ ލިބިފައެވެ. އެގޮތުން މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރަށް، ހިލޭ އެހީގެ ގޮތުގައި، 393.6 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. އެއީ ސަރުކާރުން އަންދާޒާ ކުރި މިންވަރަށް ވުރެ 5.3 އިންސައްތަ އިތުރުވުމެކެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 128.7 މިލިޔަން ރުފިޔާއެވެ. އަހަރުގެ މިހާތަނަށް ޓެކްސް އާމްދަނީއާއި ޓެކްސް ނޫން އާމްދަނީ އަދި ހިލޭ އެހީގެ ގޮތުގައި މި އަހަރު ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވަނީ 40.3 ބިލިޔަން ރުފިޔާއެވެ.
ވީކްލީ ފިސްކަލް ރިޕޯޓުން ދައްކާގޮތުގައި، މިމަހުގެ މިހާތަނަށް 19 ބިލިޔަން ރުފިޔާ އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބުނު އާމްދަނީއާ އަޅާބަލާއިރު %10 އިތުރުއަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 17.3 ބިލިޔަން ރުފިޔާއެވެ.

