ކެމަރޫންގެ ފުޓްބޯޅަ ތާރީޚުގައި ފާހަގަކޮށްލެވޭ ކުރީގެ ކެޕްޓަން އެމީލް އެމްބޫ، އޭނާގެ ކާމިޔާބު ކެރިއަރާއި، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންނާ ދެކޮޅަށް ކުޅުނު ހަނދާންތައް އާކޮށްފިއެވެ. 1990 އަދި 1994 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކެމަރޫން ތަމްސީލުކުރި އެމްބޫ މިހާރު މަސައްކަތް ކުރަމުންދަނީ އެމެރިކާގައި ޒުވާން ކުޅުންތެރިން ތަމްރީނު ކުރުމުގައެވެ.
ފީފާއަށް ދިން ޚާއްޞަ އިންޓަވިއުއެއްގައި އެމްބޫ ބުނީ، އޭނާ ފުޓްބޯޅައަށް ލޯބިޖެހުނީ ކެމަރޫނާއި ޒައީރު (މިހާރުގެ ކޮންގޯ) ބައްދަލުކުރި މެޗެއް ބަލަން ދިޔަ ހިސާބުން ކަމަށެވެ. 1966 ވަނަ އަހަރު ދުއާލާ އަށް އުފަންވި އެމްބޫގެ ކެރިއަރުގެ އެންމެ އުޖާލާ އެއް ހަނދާނަކީ 1990 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އޭރުގެ ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާ ބަލިކުރި މެޗެވެ.
އެ މެޗުގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ޑިއޭގޯ މަރަޑޯނާ ހުއްޓުވުމުގެ ޒިންމާ އުފުލީ އެމްބޫއެވެ. "ކޯޗު ބުނި އޭނާ (މަރަޑޯނާ) އެކަނި ހުރިޔަ ނުދިނުމަށް. އަހަރެންގެ ބާރުމިނުގެ ބޭނުންކޮށްގެން އޭނާއަށް ކުޅެން އުނދަގޫ ކުރިން،" އެމްބޫ ކިޔައިދިނެވެ. އެ މެޗުން ކެމަރޫން މޮޅުވީ 1-0 އިންނެވެ. މީގެ އިތުރުން ކޮލަމްބިއާގެ ވަލްޑަރާމާ އާއި ބްރެޒިލްގެ ޑުންގާ ފަދަ މަޝްހޫރު ކުޅުންތެރިންނާ ދެކޮޅަށްވެސް އޭނާ ވަނީ ކުޅެފައެވެ.
މިހާރު އެމެރިކާގައި ދިރިއުޅެމުންދާ އެމްބޫ ބުނީ، އެ ގައުމުގެ ފުޓްބޯޅަ ކުރިއަރަމުންދިޔަ ނަމަވެސް، ކުޅުންތެރިން ތަމްރީނު ކުރުމުގައި މާ ބޮޑަށް އޮނިގަނޑުތަކަކަށް ބަރޯސާވާ ކަމަށެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ކުދިންނަށް މިނިވަންކަމާއެކު ކުޅެން ފުރުސަތު ދިނުމުން ނޫނީ އުފެއްދުންތެރި ކުޅުންތެރިންނެއް ނުއުފެދޭނެއެވެ.

1994 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ގްރޫޕް ބީގައި ކުޅުނު މެޗުގައި ކެމަރޫންގެ މިޑްފީލްޑަރު އެމިލް މްބޫހް ވަނީ ބްރެޒިލްގެ ކެޕްޓަން ޑޫންގާއާ ސީދާ މިޑްފީލްޑުގައި ބައްދަލުކޮށްފަ
2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ބެހޭގޮތުން ވާހަކަދައްކަމުން އެމްބޫ ބުނީ، އެފްރިކާގެ ގައުމުތަކުން މިހާރު ބޮޑެތި ކުރިއެރުންތައް ހޯދަމުންދާ ކަމަށެވެ. ޚާއްޞަކޮށް މޮރޮކޯގެ ތަމްރީނު ޕްރޮގްރާމްތަކަށް އޭނާ ތައުރީފު ކުރިއެވެ. ނަމަވެސް ކެމަރޫންާއި ނައިޖީރިއާ ފަދަ ގައުމުތަކުން އިތުރަށް ހޭލުންތެރިވެ، ބުރަ މަސައްކަތް ކުރަންޖެހޭ ކަމަށް އޭނާ ފާހަގަކުރިއެވެ.
"މިހާރު އެފްރިކާގެ ކުދި ގައުމުތަކުން ބޮޑެތި ގައުމުތަކާ ވާދަކުރަމުން އެދަނީ. އެއްވެސް އެއްޗަކީ ހިލޭ ލިބޭނެ އެއްޗެއް ނޫން، ކޮންމެ ކަމަކަށްވެސް ކުރަންޖެހޭނީ ހަނގުރާމަ،" އެމްބޫ ބުންޏެވެ.
އެމްބޫ މިހާރު އުންމީދު ކުރަނީ 2026 ވަނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕްގައި އެމެރިކާގެ ޓީމާއި އެފްރިކާގެ ޓީމުތަކުން ރަނގަޅު ނަތީޖާއެއް ހޯދާނެ ކަމަށެވެ.

