ޖަރުމަނުވިލާތުގެ ބާލިންގައި ބޭއްވި “ބާލިން ކްލައިމެޓް މޮބިލިޓީ ފޯރަމް 2026” ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
މި މަހުގެ ކުރީކޮޅު ކުރިއަށްދިޔަ މި ފޯރަމްގައި ނައިބު ރައީސް ވަނީ ކީނޯޓް ސްޕީކަރެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެން، މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއާއި ތިމާވެށީގެ ގޮތުން ނާޒުކު އެހެން ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. މީގެ އިތުރުން، އދ.ގެ ގްލޯބަލް ސެންޓާ ފޯ ކްލައިމެޓް މޮބިލިޓީ (ޖީސީސީއެމް) އާއި ރޮބާޓް ބޮޝް ފައުންޑޭޝަން ގުޅިގެން ބޭއްވި “ލީޑާސް ގާލާ ޑިނާ” ގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަތެވެ.
ދަތުރުފުޅުގެ ތެރެއިން ބޭއްވި މަތީ ފަންތީގެ ސެޝަންތަކުގައި ވާހަކަފުޅު ދައްކަވަމުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ހިޖުރަކުރަންޖެހޭ މީހުންނަށް އެހީވުމަށް ބައިނަލްއަޤްވާމީ އެއްބާރުލުން ބޭނުންވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި މޫސުމީ މާލީ އެހީތެރިކަން އިތުރުކުރުމަށް ގޮވާލައްވައި، ހިޖުރަކުރަން ޖެހުނު ކަމުގައިވިޔަސް އެކަން ވާންޖެހޭނީ ރޭވުންތެރިކަމާއެކު އަބުރުވެރި ގޮތެއްގައި ކުރެވޭ ކަމަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅޭގޮތުން ބޭއްވި ޕެނަލް މަޝްވަރާތަކުގައި، ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކުގެ މުހިންމުކަމާއި އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގެ މައްޗަށް ނައިބު ރައީސް ވާހަކަފުޅު ދެއްކެވިއެވެ. އަދި “ޗެމްޕިއަންސް ބްރެކްފާސްޓް” ބައްދަލުވުމުގައި، މޫސުމީ ހިޖުރައާ ގުޅޭ ބައިނަލްއަޤްވާމީ އެއްބަސްވުމެއް ނުވަތަ “ގްލޯބަލް ކޮންސެންޝަސް އޮން ކްލައިމެޓް މޮބިލިޓީ” ހާސިލުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރި ގޮތުގައި، މި ދަތުރުފުޅަކީ މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ރާއްޖެއިން ގެންގުޅޭ ތަސައްވުރު ދުނިޔެއަށް ހިއްސާކުރުމަށާއި، ތިމާވެށީގެ ގޮތުން ނާޒުކު ގައުމުތަކުގެ ހައްގުގައި ވަކާލާތު ކުރުމަށް ލިބުނު މުހިންމު ފުރުސަތެކެވެ.

