މ. އަތޮޅުގެ ރަށްތަކުގެ ޔުޓިލިޓީ ޚިދުމަތްތަކާ ސަރުކާރުގެ ކަރަންޓު ކުންފުނި، ސްޓޭޓު އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ހަވާލުވެއްޖެއެވެ.
އެ ކުންފުނިން މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރައްވާފައިވާ ގޮތުގައި، ފެނަކައިން ޔުޓިލިޓީ ހިދުމަތްތައް ފޯރުކޮށްދެމުން އަންނަ ތިން އަތޮޅެއް ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމައި އެ މަސައްކަތުގެ ތެރެއިން މ. އަތޮޅުގެ އެއް ރަށް ފިޔަވައި އެހެން ހުރިހާ ރަަށަކާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެފައިވާ ކަމަށެވެ.
އެގޮތުން މ. މުލައް ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށުގެ ޔުޓިލިޓީ ހިދުމަތްތައް ރަސްމީކޮށް ސްޓެލްކޯއާ ހަވާލުކުރީ، އެ ކަމަށް ބޭއްވި ރަސްމިއްޔާތެއްގައި ދެ ކުންފުނީގެ ފަރާތުން އެ ކަމަށް ހާއްސަ އެއްބަސްވުމެއްގައި ސޮއިކުރުމަށް ފަހުގައެވެ. ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރުއެވެ. އަދި ފެނަކައިގެ ފަރާތުން ސޮއި ކުރެެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ހުސައިންއެވެ.
ސްޓެލްކޯއިން ބުނީ ކުރިން އެއްބަސްވެފައިވާ ގޮތަށް މ. މުލަކާއި ބ. އަތޮޅާއި ޅ. އަތޮޅުގެ ރަށްރަށް ވެސް ސްޓެލްކޯއަށް ހަވާލުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން ގެންދާ ކަމަށެވެ.
މި ބަދަލާ އެކު ސްޓެލްކޯއިން ހިދުމަތްދޭ ރަށްތަކުގެ އަދަދު ޖުމްލަ 61 ރަށަށް ފުޅާވެގެންދާނެއެވެ. މީގެ އިތުރުން ފެނަކައިން މި ވަގުތު ހިދުމަތް ދެމުން އަންނަ ބ. އަތޮޅާއި ޅ. އަތޮޅުގެ އިތުރުން މ. އަތޮޅުގެ ރަށްތަކަށް ޔޫޓިލިޓީ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުވާނެއެވެ. އެއީ 25 ރަށުގެ ކަރަންޓް، ފެން އަދި ނަރުދަމާގެ ހިދުމަތެވެ.

