މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)އިން އައު ޑިގްރީ ކޯސްތަކެއް ތަޢާރަފުކޮށްފިއެވެ.
އެމްއެންޔޫއިން އައު 3 ޑިގްރީ ކޯހެއް ތަޢާރަފްކޮށްފައިވަނީ، ޞިއްޙީ ދާއިރާގައި ފަންނީ މީހުން މަދު 3 ދާއިރާއަކަށް ޚާއްސަކޮށްގެންނެވެ.
މިއަދު މެންދުރު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒު ވިދާޅުވީ، މިއަދު މުޅިން އަލަށް ތަޢާރަފުކުރި 3 ކޯހަކީ ރާއްޖޭގެ ޞިއްޙީ ދާއިރާގައި ފަންނީ މީހުން މަދު 3 ދާއިރާއަށް ޚާއްސަކޮށް ތަޢާރަފްކުރި ކޯސްތަކެއް ކަމަށެވެ. އަދި މި ޕްރޮގްރާމްތަކަކީ ހަމައެކަނި އައު 3 ކޯސް ނޫން ކަމަށާއި މިއީ މުސްތަޤުބަލުގައި ޞިއްޙީ ދާއިރާގެ ކުރިއެރުމަށް ކުރާ މުހިއްމު އިންވެސްޓްމެންޓެއް ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.
އެ ކޯސްތަކަކީ، މުޅިން އަލަށް ރާއްޖޭގެ ތާރީޚުގައި 3 ފަންނެއް ކުރިއަރައި ދިޔުމަށް ބޭނުންވާ ބިންގާ ކަން ފާހަގަކުރައްވާ ޑރ. ޝެހެނާޒް ވަނީ މިއީ، ޤައުމީ ޔުނިވަރސިޓީއަށް ލިބިގެންދިޔަ ފަޚުރެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ޑރ ޝެހެނާޒު އިތުރަށް ވިދާޅުވީ، މިއީ ޤައުމުގެ ޞިއްޚީ ދާއިރާ ވަރުގަދަ ކުރުމަށް ޔުނިވަރސިޓީން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކާމިޔާބެއް ކަމަށެވެ.
ކޯސްތައް ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒުގެ އިތުރުން ފެކަލްޓީ އޮފް ހެލްތު އެންޑް ސައިންސަސްގެ ޑީން ޑރ. އާއިޝަތު ޝަރޫނާއާއި، އެމްއެންޔޫގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެމްއެންޔޫއިން އަލަށް ތަޢާރަފު ކުރި 3 ކޯސް
– ބެޗެލާރސް އޮފް ސައިންސް އިން ޕެރަމެޑިކްސް
– ބެޗެލާރސް އޮފް ސައިންސް އިން ސްޕީޗް ލެންގުއޭޖް ޕަރތޮލޮޖީ އޮނާރސް
– ބެޗެލާސް އިން އޮކިޔުޕޭޝަނަލް ތެރަޕީ
މީގެ ތެރެއިން ޕެރާމެޑިކް ސައިންސް ކޯހަކީ، 3 އަހަރުގެ 6 ސެމިސްޓަރގެ ކޯހެކެވެ. މި ކޯހުގައި ދަރިވަރުން ދަސްކުރާނީ، ބަލި މީހުން ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ދޭންޖެހޭ އަވަސް ފަރުވާތަކެވެ. ސްޕީޗް ލެންގުއޭޖު ޕެތޮލޮޖީ އަދި އޮކިއުޕޭޝަނަލް ތެރަޕީ ކޯހަކީ، 4 އަހަރު ދުވަހުގެ ކޯހެކެވެ. ސްޕީޗް ތެރަޕީ ކޯސް ފުރިހަމަކުރުމުން ސްޕީޗް ތެރަޕިސްޓެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެއެވެ. އަދި އޮކިއުޕޭޝަނަލް ތެރަޕީ ކޯހުގައި ހުރިހާ އުމުރެއްގެ މީހުންނަށްވެސް، އެމީހުން ކުރަން ބޭނުންވާ ނުވަތަ ކުރަންޖެހޭ ދިރިއުޅުމުގެ އާންމު ކަންތައްތަކުގައި ނުވަތަ “އޮކިއުޕޭޝަންސް”ގައި ބައިވެރިވުމަށް އެހީތެރިވެދޭނެ މަސައްކަތްތައް ދަސްކޮށްދޭނެ ކަމަށް އެ ޔުނިވަރސިޓީން މައުލޫމާތުދެއްވައެވެ.
މި ތިން ކޯހަކީވެސް އެލައިޑް ހެލްތު ކައުންސިލުން އެކްރެޑިޓް ކޮށްފައިވާ، ފުލްޓައިމްކޮށް ކްލާސްތަކަށް ހާޒިރުވެގެން ކުރިއަށްގެންދާ ކޯސްތަކެއް ކަމަށް އެޔުނިވަރސިޓީން މައުލޫމާތު ދެއްވައެވެ. އަދި ކޯސްތަކަށް ވަނުމުގެ އާންމު ޝަރުތަކީ، ޖީސީއީ އޭލެވެލްގެ 2 މާއްދާއިން ފާސްވެފައިވުން ކަމުގައި ވިޔަސް ސްޕީޗު އަދި އޮކިއުޕޭޝަނަލް ތެރަޕީއަށް ސައިންސް ސްޓްރީމްގެ 2 މާއްދާގެ ފާސް ބޭނުންވެއެވެ. މީގެއިތުރުން ޕެރާމެޑިކް ސައިންސް ކޯހަށް ވަނުމަށް މެންޓަލް އަދި ފިޒިކަލް ޓެސްޓަކުން ފާސްވާންޖެހޭނެ ކަމަށްވެސް އެ ޔުނިވަރސިޓީން މައުލޫމާތުދެއްވައެވެ.
އެމްއެންޔޫއިން ވިދާޅުވީ، މިއީ ރާއްޖޭގެ ތާރީޚުގައި މި ދާއިރާތަކުން މިފަދަ ޕްރޮގްރާމްތަކެއް ތައާރަފްކުރި ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިއީ، ރާއްޖޭގެ ޞިއްޙީ ދާއިރާގެ ތަޢުލީމަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ ޔުނިވަރސިޓީން ސިފަކުރެއެވެ.
މި ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށާއި، ޝައުޤުވެރިވާ ފަރާތްތަކުން އެމްއެންޔޫގެ އެޑްމިޝަން ޕޯޓަލް (portal.mnu.edu.mv) މެދުވެރިކޮށް މިހާރު އެޕްލައި ކުރެވޭނެ ކަމަށް އެ ޔުނިވަރސިޓީން ވިދާޅުވެއެވެ.

