ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން، މުޅިންވެސް ދިވެހި ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ 1000 ހައުސިންގ ޔުނިޓުގެ މަސައްކަތް މި ހަފުތާގެ ތެރޭގައި ރަސްމީކޮށް ހަވާލުކުރުމަށް ތައްޔާރުވަމުންދާކަމަށް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ. މި މަޝްރޫޢަކީ ރާއްޖޭގެ ކުންފުނިތަކަށް އިސްކަންދީގެން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.
ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ޖުމްލަ ފަސް ކުންފުންޏަކާ ހަވާލުކޮށްގެން ކަމަށެވެ. ކޮންމެ ކުންފުންޏަކަށް 200 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ހަވާލުކުރާއިރު، މީގެ ތެރޭގައި ހިމެނެނީ 60 އެޕާޓްމަންޓް ދެ ކޮޓަރީގެ ގޮތުގައި އަދި 140 އެޕާޓްމަންޓް ތިން ކޮޓަރީގެ ގޮތުގައެވެ.
މި މަޝްރޫޢުގެ ދަށުން ބިނާކުރާ ފްލެޓްތަކަކީ މިހާތަނަށް ރާއްޖޭގައި އިމާރާތްކޮށްފައިވާ ސޯޝަލް ހައުސިންގ ޔުނިޓުތަކަށްވުރެ ޖާގަ ތަނަވަސް ތަންތަނަށް ވާނެކަމުގެ ޔަގީންކަން ސްޓޭޓް މިނިސްޓަރު ދެއްވިއެވެ. އެގޮތުން ދެ ކޮޓަރީގެ އެޕާޓްމަންޓްތަކުގައި 700 އަކަފޫޓު ހުންނާނެ ކަމަށާއި، ތިން ކޮޓަރީގެ އެޕާޓްމަންޓްތައް 950 އަކަފޫޓަށްވުރެ ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އިމާރާތްތަކުގެ ފިނިޝިންއާއި، އިމާރާތުގެ ވަށައިގެންވާ ހުސްޖާގަތައް ފަރުމާކުރުމުގައިވެސް ކުރީގެ މަޝްރޫޢުތަކާ ތަފާތު، ހިތްފަސޭހަ ގޮތްތަކެއް ގެންގުޅޭނެކަން މިނިސްޓްރީން ފާހަގަކުރެއެވެ. މި 1000 ޔުނިޓު ބިނާކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައެވެ.
ހުޅުމާލޭގެ އިތުރުން، މާލެ ސަރަޙައްދުގެ އެހެން ރަށްތަކުގައިވެސް ބޯހިޔާވަހިކަމުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ. އެގޮތުން ހުޅުމާލެ ފޭސް 1 އިން ތިން ބިމެއް އަދި ވިލިމާލެއިން އެއް ބިން މިހާރުވެސް ވަނީ ދިވެހި ކުންފުނިތަކާ ހަވާލުކޮށްފައެވެ. މީގެ އިތުރުން ޗައިނާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ހުޅުމާލެ ފޭސް 2 ގައި ކުރިއަށްގެންދާ މަޝްރޫޢުގެ ޑިޒައިން މަސައްކަތް ނިމި، ހުއްދަތައް ލިބުނުހާ އަވަހަކަށް އަމަލީ މަސައްކަތް ފެށޭނެ ކަމަށް ސަރުކާރުން ބުނެއެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހަލުވިކަމާއެކު ކުރިއަށް ގެންގޮސް، ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ.

