ކަރެކްޓަރަލް ސާވިސްއާއި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން، މާފުށީ ޖަލު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް މިއަދު ފަށައިފިއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މައުލޫމާތު ދީފައިވާ ގޮތުގައި މި ހަރަކާތަކީ ޖަލުގެ އަމާންކަން ދެމެހެއްޓުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން ކަރެކްޝަންސް އިން ބުނީ، މިއީ ފުލުހުންނާ ގުޅިގެން ކުރިއަށްގެންދާ ބަލައި ފާސްކުރުމެއް ކަމަށެވެ. ނަމަވެސް، މި އޮޕަރޭޝަންގެ މައިގަނޑު މަގްސަދާއި، މިހާތަނަށް ފެނިފައިވާ ތަކެތީގެ އެއްވެސް ތަފްސީލެއް ކަމާބެހޭ އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ޖަލުތަކަށް މަނާ ތަކެތި ވެއްދުމާއި، ޖަލުގައި ތިބެގެން ކުރާ ސްކޭމްގެ މުއާމަލާތްތަކުގެ އިތުރުން ޓެރެރިޒަމަށް މަގުފަހިވާ ފަދަ އަމަލުތައް ހުއްޓުވުމަށް މީގެ ކުރިންވެސް މާފުށީ ޖަލުގައި ވަނީ މިފަދަ ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގާފައެވެ. މިފަދަ އޮޕަރޭޝަންތަކުގެ ސަބަބުން ޖަލުގެ ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ގަބޫލުކުރެއެވެ.
ޖަލުތަކުގެ ސެކިއުރިޓީ ހަރުދަނާކުރުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެކެވެ. އެގޮތުން، ޖަލަށް މަނާ ތަކެތި ވެއްދުން ހުއްޓުވުމަށްޓަކައި މިއަހަރުގެ ފެބްރުއަރީ މަހު މާފުށީ ޖަލުގައި ވަނީ ބޮޑީ ސްކޭން ކުރެވޭ މެޝިނެއް ބަހައްޓައި، އެ ހިދުމަތް ބޭނުންކުރަން ފަށާފައެވެ.
ސަރުކާރުގެ އަމާޒަކީ ޖަލުތަކަކީ ކުށްވެރިން އިސްލާހުކުރާ ތަންތަނުގެ ގޮތުގައި ބޭއްވުމާއި، ޖަލުތަކުގައި ހިންގާ ނުރައްކާތެރި ހަރަކާތްތައް މުޅިން ހުއްޓުވުމެވެ. މި މަގްސަދު ހާސިލްކުރުމަށްޓަކައި ޖަލުތަކުގެ ޖާގަ އިތުރުކުރުމުގެ މަޝްރޫއުތައްވެސް ދަނީ ކުރިއަށް ގެންދަމުންނެވެ.

