މާލޭގެ ބޭރު މަގު ނުވަތަ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތްތައް އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ކުރިން ނިންމާލެވޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. މި ފިޔަވަހީގެ ދަށުން ތަރައްގީ ކުރަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އޮތް ސަރަހައްދެވެ.
މި މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވީ، މަގު އެއްވަރުކޮށް ތާރު އެޅުމުގެ އަމަލީ މަސައްކަތް މި ހިނގާ މޭ މަހުގެ ފަހުކޮޅު ފެށިގެންދާނެ ކަމަށެވެ. “ޔަގީނުން ވެސް ޖުލައި 26 ގެ ކުރިއަށް މަސައްކަތްތައް ނިންމާލެވޭނެ،” ސައުދީ ވިދާޅުވިއެވެ. ނަމަވެސް، މަސައްކަތް ނިމުނު ކަމުގައި ވިޔަސް، އާންމުން ދަތުރުފަތުރު ކުރުމަށް އެ ސަރަހައްދު ހުޅުވާލާނެ ސީދާ ތާރީޚެއް އަދި ކަނޑައެއް ނާޅައެވެ.
މިދިޔަ މާޗު މަހުގެ 23 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މި ސަރަހައްދުގައި ގިނަ މަސައްކަތްތަކެއް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ. އެގޮތުން ނަރުދަމާ އާއި ފެން ލައިނުތައް ގުޅުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާއިރު، މައި ފެން ހޮޅި އެޅުމުގެ 90 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. މީގެ އިތުރުން، ސްޓޯމްވޯޓާ ކެޗްޕިޓުތަކާއި ކޭބަލް ޖަންކްޝަންތައް ހަރުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި ދުވާރު ހެދުމާއި މަގުބައްތި ޖެހުމުގެ މަސައްކަތް ހިމެނެއެވެ. އަދި ސެގްމެންޓް ތިނެއްގެ ސަބްގްރޭޑިން މަސައްކަތްތައް ފެށުމަށް ވެސް ވަނީ ރޭވިފައެވެ. މި މަޝްރޫއަކީ މާލޭގެ އެންމެ ކާރޫބާރޫ ބޮޑު ސަރަހައްދުތަކުގެ ޓްރެފިކް ފްލޯ ރަނގަޅުކުރުމަށް ހިންގާ މުހިންމު މަސައްކަތެކެވެ.
ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި ބޮޑު މަޝްރޫއަކީ ޖުމްލަ 455 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ. މީގެ ކުރިން ނޯތު ހާބަރުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް ތާރު އަޅައި ނިންމާފައިވާއިރު، އެ ބަދަލާއެކު އެ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ.
މިހާރު ކުރިއަށްދާ ފިޔަވަހީގެ މަސައްކަތް ނިމުމުން، ދެން އެންމެ އަވަހަށް ފެށުމަށް ހަމަޖެހިފައިވަނީ މަސްވެރިންގެ ޕާކުން ފެށިގެން ފަސް ނަމްބަރު ފާލަމާ ހަމައަށް އޮތް ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތެވެ.

