ޒާތީ މައުލޫމާތު ރައްކާތެރިކޮށްދޭ ބިލު ބަލައިގަނެ، ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.
ރާއްޖޭގައި ޒާތީ މަޢުލޫމާތު އެއްކުރުމާއި ޕްރޮސެސްކުރުމާއި ބޭނުންކުރުމުގެ ނިޒާމެއް ޤާއިމުކޮށް ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމާ ގުޅޭ ގޮތުން ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވި ބިލު ހުށަހެޅުއްވީ، ހެންވޭރު ހުޅަނދު ދާއިރާގެ މެންބަރު އަލީ އިބްރާހިމް (ކައްޕި)އެވެ.
މި ބިލު މަޖިލީހަށް ބަލައިގަތީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ އިއްތިފާގުންނެވެ. މި ބިލު ދިރާސާކުރުުމަށް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ކޮމިޓީއަށްވަނީ ފޮނުވާފައެވެ.
ކައްޕި ހުށަހެޅުއްވި އެ ބިލުގައި ވަނީ، މި ބިލު ޤާނޫނަކަށްވުމުން ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ރާއްޖޭގައި ޒާތީ މަޢުލޫމާތު އެއްކުރުމާއި ޕްރޮސެސް ކުރުމާއި ބޭނުންކުރުމުގެ ނިޒާމެއް ޤާއިމުކުރެވޭނެ ކަމަށެވެ. އަދި ޒާތީ މަޢުލޫމާތު ނިސްބަތްވާ މީހުންގެ ޙައްގުތަކާއި މަޢުލޫމާތު އެއްކުރާ އަދި ޕްރޮސެސްކުރާ ފަރާތްތަކުގެ ޒިންމާތައް ކަނޑައަޅައި އެ ފަރާތްތައް ރެގިއުލޭޓްކުރުމާބެހޭ އުސޫލުތައް މި ބިލުގެ ދަށުން ބަޔާންކުރާނެއެވެ.
މި ބިލާއެކު ބޭރު ޤައުމުތަކާއި ބައިނަލްއަގުވާމީ އިދާރާތަކާއި އެހެނިހެން ކްރޮސްބޯޑަރ ފަރާތްތަކަށް ޒާތީ މަޢުލޫމާތު ޓްރާންސްފަރ ކުރުމާގުޅޭ އުސޫލުތައްވެސް ކަނޑައެޅޭނެއެވެ. އަދި ޑޭޓާ ނިސްބަތްވާ ފަރާތްތަކަށް ލިބިގެންވާ ޙައްގުތަކާއި އެ ޙައްގުތައް ބޭނުންކުރުމުގެ ހަމަތައް ބަޔާންކޮށް، ޑޭޓާ ބްރީޗެއް މެދުވެރިވެއްޖެނަމަ މަޢުލޫމާތު ޕްރޮސެސްކުރާ ފަރާތްތަކުން އަމަލުކުރާނެ ގޮތުގެ އުސޫލުތައްވެސް ބަޔާންކުރާނެއެވެ.
ހަމައެހެންމެ ޤާނޫނު ތަންފީޒުކޮށް ހިންގުމުގެ ގޮތުން ޕްރައިވަސީ ކޮމިޝަނަރުގެ ދައުރު އަދާކުރާނެ ފަރާތެއް ކަނޑައަޅައި އޭނާގެ މަސްއޫލިއްޔަތުތަކާއި ބާރުތައްވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ. ބިލުގައި ބަޔާންކޮށްފައިވާ ގޮތުން ޕްރައިވަސީ ކޮމިޝަނަރަކަށް ހުންނަވާނީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްގުގެ ޤާނޫނުގެ ދަށުން އައްޔަން ކުރައްވާފައިވާ އިންފޮމޭޝަން ކޮމިޝަނަރެވެ.
ޑޭޓާ ޕްރޮސެސް ކުރާ ފަރާތްތަކާއި ކޮންޓްރޯލް ކުރާ ފަރާތްތަކުގެ ދައުރާއި ޒިންމާތަކާއި ރެކޯޑު ބަލެހެއްޓުމާ ގުޅޭ ކަންކަން ތަފްސީލު ކޮށްބިލުގައި ވަނީ ބަޔާންކޮށްފައެވެ. ބިލުގައި ޑޭޓާ ކޮންޓްރޯލް ކުރާ ފަރާތްތަކާއި ޕްރޮސެސް ކުރާ ފަރާތްތަކުން ޑޭޓާ ޕްރޮޓެކްޝަން އޮފިސަރުން ކަނޑައަޅަންޖެހޭ ހާލަތްތައްވެސް ވަނީ ބަޔާންކޮށްފައެވެ.

