ސަރުކާރުން ހިންގާނެ މުހިއްމު މަޝްރޫޢުތައް ކަނޑައެޅުމުގެ ޤަރާރު ރައީސުލްޖުމްހޫރިއްޔާ އެކަށައަޅުއްވައިފިއެވެ.
ދައުލަތުގެ ޢާންމު މަންފާއަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫޢުތައް ކަނޑައެޅުމުގެ ޤަރާރު ރައީސުލްޖުމްހޫރިއްޔާ އެކަށައަޅުއްވައިފައިވަނީ، ހޯމަ ދުވަހުއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވަ ގޮތުގައި، ދައުލަތުގެ އާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ އަދި އިޖުތިމާޢީ ސިޔާސަތުތަކުގެ ދަށުން ކުރިއަށްގެންދާނެ މުހިންމު މަޝްރޫޢުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިދެއްވުމުން މިހާރު ވަނީ އެކަން ރަސްމީކޮށް އިޢުލާނު ކުރައްވައިފިއެވެ.
މި މަޝްރޫޢުތަކަކީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން، ކޮންމެ އަހަރަކު ގެޒެޓުގައި ޝާއިޢުކުރަންޖެހޭ މުހިންމު މަޝްރޫޢުތަކެކެވެ. ފަތުރުވެރިކަމާއި އުދުހުންތަކުގެ ދާއިރާ: ފަތުރުވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ މުހިންމު ފަސް މަޝްރޫޢެއް ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ.
އޭގެ ތެރޭގައި އައްސޭރި ޓޫރިޒަމް މަޝްރޫޢު ހިންގުމާއި، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ނޭޗަރ ޕާކެއް ތަރައްޤީކޮށް ހެރިޓޭޖް ޓޫރިޒަމް ފުޅާކުރުން ހިމެނެއެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޑޮމެސްޓިކް އަދި އިންޓަރނޭޝަނަލް އެއަރޕޯޓްތައް ތަރައްޤީކުރުމާއި، މިހާރު ހުރި އެއަރޕޯޓްތައް އަޕްގްރޭޑްކުރުން މި ލިސްޓުގައި ހިމަނާފައިވެއެވެ.
އެއާއެކު ރައީސުލްޖުމްހޫރިއްޔާ، ދާޚިލީ ސަލާމަތާއި އިޖުތިމާޢީ އިޞްލާޙީ މަޝްރޫޢުތައް: ދާޚިލީ ސަލާމަތުގެ ދާއިރާއިން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ފަރުވާ ދިނުމަށް ޤާއިމުކުރާ “އުންމީދު / ހޯޕް އައިލެންޑް” މަޝްރޫޢަށެވެ. މި މަޝްރޫޢުގެ ދަށުން އުތުރުތިލަފަޅުން ބިން ހިއްކުމާއި ތަރައްޤީކުރުން ހިމެނެއެވެ.
ހަމައެއާއެކު، އުތުރުތިލަފަޅުގައި 30 ހެކްޓަރުގެ ބިން ހިއްކައިގެން “ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް” އެއް ބިނާކުރުމާއި، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގެ މަޝްރޫޢުތައް ވެސް ވަނީ ހިމަނާފައެވެ. ޢުމްރާނީ ތަރައްޤީއާއި ބޯހިޔާވަހިކަން، ބިނާރާއި ގެދޮރުވެރިކަމުގެ ދާއިރާއިން ހަތަރު މަޝްރޫޢެއް ވަނީ ކަނޑައަޅުއްވާފައެވެ. އޭގެ ތެރޭގައި ރަށްރަށް ގުޅާލުމަށް ހިންގާ ކޯޒްވޭ މަޝްރޫޢުތަކާއި، ސޯޝަލް ހައުސިންގ މަޝްރޫޢުތަކުގެ އިތުރުން، ބިން ހިއްކުމާއި ބިން ހިއްކާފައިވާ ރަށްރަށުގައި މަގު ހެދުމާއި ޔުޓިލިޓީ ޚިދުމަތްތައް ފޯރުކޮށްދިނުން ހިމެނެއެވެ. އަދި ކުޅިވަރުގެ ދާއިރާއިން ހައިޕަރޕޯމަންސް ސެންޓަރުތައް ޤާއިމުކުރުމަށް ވެސް ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން ތިމާވެއްޓާއި ހަކަތައިގެ ދާއިރާ: މޫސުމީ ބަދަލުތަކާ ގުޅޭ ދާއިރާއިން، ރަށްރަށުގެ ފެނާއި ނަރުދަމާގެ ނިޒާމުތައް އަޕްގްރޭޑްކުރުމާއި، 50 ރަށެއްގައި ކުނިން ކާދުހަދާ ޕްލާންޓްތައް ބެހެއްޓުން ހިމެނެއެވެ. އަދި 10 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒުތަކާއި ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތައް ޤާއިމުކުރުމަކީ ވެސް ސަރުކާރުގެ މުހިންމު އަމާޒެކެވެ. މި ހުރިހާ މަޝްރޫޢުތަކަކީ ވެސް އެ މަޝްރޫޢެއް ހަވާލުކުރެވޭ ފަރާތުން ކުރަންޖެހޭ އެންމެ މަދު އިންވެސްޓްމަންޓް ކަނޑައެޅިގެން ކުރިއަށްގެންދާނެ ކަންކަން ކަމަށް ސަރުކާރުން ބަޔާންކުރެއެވެ.

