މާލީ ވަޒީރުކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ، ހަސަން ޒަރީރަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ ބަޔާންކުރާ ގޮތުން، ވަޒީރުންގެ މަޖިލީހަށް އައްޔަންކުރެވޭ މެންބަރުންނަށް ފުރިހަމަ ގާނޫނީ ބާރުވެރިކަން ލިބިވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ. އެހެންކަމުން ރައީސް ފޮނުއްވި މި މައްސަލަ ދިރާސާކުރުމަށްފަހު، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ ޒަރީރަށް ރުހުން ދޭން ފެންނަކަމަށް ނިންމާފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ހަސަން ޒަރީރު އެ މަގާމަށް އައްޔަންކުރެއްވީ މި ހިނގާ ޖޫން މަހުގެ 8 ވަނަ ދުވަހުއެވެ.
ވަޒީރަށް ރުހުން ދެއްވުމުގެ އިތުރުން ވުޒާރާތަކުގެ ނަންތަކާއި ދާއިރާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންނެވި ބަދަލުތައް ފާސްކުރުމަށްވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ. މިގޮތަށް ފާސްކުރީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާމިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
މި ދެ މައްސަލަވެސް ދެން ފޮނުވާނީ މަޖިލީހުގެ ތަޅުމަށެވެ. ވަޒީރަށް ރުހުން ދޭން ފާސްކުރާނީ މަޖިލީހުގެ ހުރިހާ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ޑެޕިއުޓީ ކޮމިޝަނަރުކަމާއި ކޮމިޝަނަރ ކަމުގެ މަޤާމު ފުރުއްވާފައިވާ ޒަރީރު އަކީ މާލީ ދާއިރާ އަށް ގިަނ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ޒަރީރު ވަނީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ، އައިއައިޔޫއެމުން ބެޗްލަރ އޮފް އެކައުންޓިންގެ އިތުރުން މާސްޓަރ އޮފް ސައިންސް ފިނޭންސް ހާސިލްކުރައްވާފައެވެ.

