އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލި މައްސަލާގައި، އޭނާގެ ފިރިމީހާ މާވިން އެސްވައި ޕާގަސްޓަސް (މިހާރުގެ ނަމުން ޔޫސުފް) ގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. މިއީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހިނގި މި ހާދިސާއާ ގުޅިގެން ދައުލަތުން އުފުލި ގަސްދުގައި މީހަކު މެރުމުގެ ދައުވާގެ ނިންމުމެވެ.
މި މައްސަލަ ބެއްލެވި ގާޒީ މުޒައްމިލް ނާސިރު އިއްވެވި ހުކުމުގައި ބަޔާންކުރައްވާފައިވަނީ، މޭރީ މަރުވީ އަމިއްލައަށް ދަންޖެހިގެން ކަމަށް ބުނެ މާވިން ދެއްކި ވާހަކަތަކަކީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ. މޭރީގެ ހަށިގަނޑުން ދަންޖެހިފައިވާ ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށް ޑޮކްޓަރުންގެ ހެކިބަހުން އެނގޭއިރު، ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކާ ގޮތުގައި އޭނާ މަރުވީ ބޮލަށް ދީފައިވާ ބާރުގަދަ ހަމަލާތަކެއްގެ ސަބަބުންނެވެ.
ޝަރީއަތުން ފާހަގަކުރި ގޮތުގައި، މޭރީ މަރާލި މަންޒަރު ފެނުނު ހެކިވެރިއަކު ނެތް ނަމަވެސް، ހާދިސާ ހިނގި ވަގުތު މާވިން އެ ގޭގައި ހުރިކަން ގުޅުވާލެވޭ ހެކިތަކުން ސާބިތުވެއެވެ. އަދި މީހަކު ނޭވާ ހާސްކޮށްލާނެ ގޮތުގެ ފޮޓޯތަކެއް މާވިންގެ ފޯނުން ފެނިފައިވުމާއި، އަނބިމީހާ މަރުވުމުން އެހެން ކައިވެންޏެއް ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން އޭނާ މައުލޫމާތު ހޯދާފައިވާކަން ވެސް ޝަރީއަތަށް ވަނީ ސާބިތުވެފައެވެ.
މި މަރުގެ ފަހަތުގައި އޮތް ސަބަބެއްގެ ގޮތުގައި ގާޒީ ފާހަގަކުރެއްވީ، މާވިން އާއި ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާއާ ދެމެދު އޮތް ލޯބީގެ ގުޅުމުގެ ސަބަބުން އުފެދުނު ހަމަނުޖެހުންތަކެވެ. މި މައްސަލާގައި ލަމްހާގެ މައްޗަށް ވެސް ބައިވެރިވުމުގެ ދައުވާ އުފުލާފައިވީ ނަމަވެސް، އޭނާގެ ބައިގައި ކޯޓުން އަދި ގޮތެއް ނުނިންމައެވެ.
މާވިންގެ މައްޗަށް ކުށް ސާބިތުވުމާ ގުޅިގެން، އޭނާއަށް ދޭނެ އަދަބަކާ މެދު ވާހަކަ ދެއްކުމަށް ބާއްވާ އަޑުއެހުން އަންނަ މަހުގެ ފުރަތަމަ ދުވަހަށް ވަނީ ތާވަލުކޮށްފައެވެ. މާވިންގެ ވަކީލުން ވަނީ އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމަށް އިތުރު ވަގުތަށް އެދިފައެވެ. މި މައްސަލާގައި ބަންދުގައި ހުރި މާވިން ވަނީ ޖަލުގައި ހުރި ދުވަސްވަރު އިސްލާމްދީން ގަބޫލުކޮށް، ނަން ޔޫސުފަށް ބަދަލުކޮށްފައެވެ.

