އެއްވަގުތެއްގައި ގިނަ ދަރިވަރުންނަށް ޙާފިޒުކަމުގެ އިމްތިޙާނު ކުރިއަށް ގެންދިޔުމަށް ޙާފިޒުން އިމްތިޙާން ކުރާ ކޮމިޓީތައް އިތުރުކުރަން މިނިސްޓްރީއިން މަޝްވަރާކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމަ އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މީސްމީޑީޔާގައި މިނިސްޓަރު ޝަހީމު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގައި ޤުރްއާން ހިތުދަސްކުރާ ދަރިވަރުންގެ ޢަދަދު އިތުރުވަމުންދާ ކަމަށެވެ. އެގޮތުން ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގައި ޙާފިޒުން އިމްތިޙާނު ކުރުމުގެ ނިޒާމު އިތުރަށް ފުޅާކޮށް އެއް ވަގުތެއްގައި ގިނަ ދަރިވަރުންނަށް އިމްތިޙާން ކުރިއަށް ގެންދިއުމަށް ޙާފިޒުން އިމްތިޙާން ކުރާ ކޮމިޓީތައް އިތުރުކުރަން ނިންމާ މަޝްވަރާތައް ކުރަމުން ގެންދާ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި ކަމާގުޅުން ހުރި އެހެނިހެން އިދާރާތަކާ މަޝްވާރާކުރުމަށް ފަހު މިކަމުގައި ކުރިއަށް ދާނެ ގޮތް ވަރަށް އަވަހަށް އިޢުލާން ކުރާނެ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ވަޒީރުގެ ޕޯސްޓުގައި ވިދާޅުވީ، މި ފަދަ ކަމެއް ހިންގަން ނިންމެވީ، ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި މިސްކިތްތަކުގައި ދާއިމީ އިމާމުން ނެތުމުގެ ސަބަބުންނާއި ވަގުތީ އިމާމުން ތިބުމުގެ މައްސަލައަށް އަވަސް ޙައްލެއް ހޯދުމަށެވެ.
އެގޮތުން ރަށްރަށުގައި މިސްކިތްތަކުގެ ޢަދަދު ގިނަވުމާއި އިމާމުންގެ ވަޒީފާ އަދާކުރެވޭ މިންވަރުގެ ފެންވަރު ހުރި މީހުން ބައެއް ރަށްތަކުގައި މަދުކަމުން ކަން ފާހަގަވެފައިވާތީ މި މައްސަލައަށް ޙައްލު ހޯދުމަށްޓަކައި އޯލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން ދާއިރާއަށް ޝައުޤުވެރިވާ ކުދިންނަށް އިތުރަށް ވަޒީފާގެ ފުރުޞަތު ފަހި ކުރުމާއި، އިމާމުކަމުގެ ކޯހެއް ނުވަތަ އެއާ ގުޅުން ހުރި ކޯހެއް ނެތް ފަރާތްތަކަށް، މިނިސްޓްރީން ކަނޑާއަޅާ މިންވަރުގެ މުޤައްރަރެއް ކަނޑައަޅައި ޢާއްމުކޮށް އޭގެ ދަށުން ކޮންމެ އަހަރަކު އިމާމު ކަމާ ގުޅޭ ޢާއްމު އިމްތިޙާނެއް ތަޢާރަފްކޮށް އިމާމްކަންކުރުމުގެ ހުއްދައެއް ތަޢާރަފް ކުރުމަށް ނިންމީ ކަމަސް ވެސް ޑރ ޝަހީމު ވަނީ ވިދާޅުވެފައެވެ.

