ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅުން ހުރި ލަންކާގެ މުއައްސަސާތަކާ އެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޝްވަރާތައްކޮށްފިއެވެ.
ސްރީލަންކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު މުހައްމަދު ރިޒްވީ ހަސަން، ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދުގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައި ކުރިއަށް ދިޔަ އެ މަޝްވަރާތަކުގައި، ދިވެހި ފުލުހުންގެ ހިދުމަތާއި ސްރީލަންކާގެ ގުޅުންހުރި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ދެ ފަރާތުގެ ދެމދެުގައި ވާހަކަ ދެކެވުނު ކަމަށް ދިވެހި ފުލުހުން ހާމަކޮށްފައިވެއެވެ.
ފުލުހުންގެ މައި އިދާރާ ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ވަނީ މިހާރު ގުޅިގެން ކުރަމުންދާ މަސައްކަތްތަކާއި، ފުލުހުންގެ ހިދުމަތުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ސްރީލަންކާއިން ދެމުންދާ އެހީތެރިކަމާ ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައެވެ.
މީގެ އިތުރުން މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމަށާއި ފަންނީ ތަރައްގީއާއި، ފުލުހުންގެ މަސައްކަތުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދެވިދާނެ ދާއިރާތަކާއި ބެހޭގޮތުން ދެފަރާތުން ހިޔާލު ބަދަލުކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ ސްރީލަންކާގެ ފަރާތުން ދިވެހި ފުލުހުންނަށް ފޯރުކޮށްދެމުން އަންނަ އެހީތެރިކަން ފާހަގަ ކުރައްވާ ދެފަރާތުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ހަރ އެކްސެލެންސީ ތިމުތު ދިސާނަޔަކަ އާއި، ސްރީލަންކާ ހައިކޮމިޝަންގެ ތާރޑް ސެކްރެޓަރީ (އިކޮނޮމިކް އެންޑް ވެލްފެއަރ) މިޒް ނިޝާންތާ ކަމްބުރަދެނިޔާ ބައިވެރިވެވަޑައިގެންނެވިއެވެ.

