ކެންސަރު ހޮސްޕިޓަލްގައި އަސާސީ ފަރުވާއާއި ބަލި ދެނެގަނެވޭ މިންވަރަށް ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތްތައް 2028 ވަނަ އަހަރުގެ ކުރިން ނިންމުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
ރާއްޖޭގައި ކެންސަރުގެ ހާލަތު އޮތް ގޮތާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، 2025 ވަނަ އަހަރުގެ މިހާތަނަށް އެކަނިވެސް ކެންސަރު ބަލީގެ ޕޭޝަންޓުންގެ ގޮތުގައި 67 އަންހެނުންނާއި 53 ފިރިހެނުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އަދި އާސަންދަ މެދުވެރިކޮށް ރާއްޖެއިން ބޭރުން ކެންސަރާ ގުޅުންހުރި ފަރުވާ ހޯދުމަށް 5,755 މީހުންނަށް އެހީތެރިކަން ފޯރުވައިދީފައިވާ ކަމަށާއި، މި ފަރުވާތަކަށް 374 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި 25 އެނދުގެ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، "މި ހޮސްޕިޓަލްގައި މަލްޓިސްޕެޝަލިޓީ ކެންސަރާއި މެޓަރނަލް އެންޑް ޗައިލްޑް ހެލްތުގެ ފަރުވާ ހިމެނޭ. އެކި މަރުހަލާތަކުގައި މަސައްކަތްދަމުންގޮސް، 2028ގެ ކުރިން އެންމެ އަސާސީ ޑައިގްނޯސްޓިކް ޓެސްޓްތަކާއި ފަރުވާ ފަށާނެ. ރޭޑިއޯ ތެރަޕީ، ކީމޯ، ޕެޓް ސްކޭން ފަދަ ހިދުމަތްތައް ފަށާނެ،" ކަމަށެވެ.
މީގެ އިތުރުން، ސަރުކާރު ހޮސްޕިޓަލްތަކުގެ ތެރެއިން ހުޅުމާލެ ހޮސްޕިޓަލާއި އައިޖީއެމްއެޗް ހިމެނޭހެން ނުވަ އެނދު މިހާރުވެސް ކެންސަރު ފަރުވާއަށް ހާއްސަކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އަތޮޅުތެރޭގެ ހޮސްޕިޓަލްތައް ކަމަށްވާ އައްޑޫ، ހދ، ޅ، ރ، އަދި ގދ އަތޮޅު ހޮސްޕިޓަލުގައިވެސް މި ހިދުމަތްތައް ގާއިމުކުރުމަށް ވަނީ ރޭވިފައެވެ.
ރާއްޖޭގައި އެންމެ ގިނަ އެއް ބާވަތުގެ ކެންސަރުކަމަށްވާ އުރަމަތީގެ ކެންސަރު ދެނެގަތުމަށް ހަދާ މެމޯގްރާމް ޓެސްޓްގެ ހިދުމަތް މިހާރުވެސް ފަސް ރީޖަނަލް ހޮސްޕިޓަލާއި، ފުވައްމުލައް ސިޓީ އަދި ބ. އަތޮޅު ހޮސްޕިޓަލްގައި ގާއިމުކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ބޭރުގެ ފަރުވާ ހޯދުމަށް އިންޑިއާގެ 15 ހޮސްޕިޓަލަކާއި ލަންކާގެ ދެ ހޮސްޕިޓަލަކުން އާސަންދަ މެދުވެރިކޮށް ފަރުވާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ރާއްޖޭގައި ކެންސަރު ބަލީގެ ހާލަތު އިތުރަށް ދެނެގަތުމަށާއި، ބަލި ފެތުރެން މެދުވެރިވާ ސަބަބުތައް ދެނެގަތުމަށްޓަކައި މި ސަރުކާރުގެ މި ދައުރުގެ ތެރޭގައި ހާއްސަ ދިރާސާއެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

