އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ހުސްވެފައިވާ މެމްބަރު ކަމުގެ މަގާމަށް، ހައްޖު ކޯޕަރޭޝަންގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މެމްބަރަކު ހުސްވީ އެ ކޮމިޝަންގެ ރައީސްކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު، ކޮމިޝަންގެ މެމްބަރުކަމުންނާއި ރައީސްކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މަގާމަށް މެންބަރަކު އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޝަކީލްގެ ނަމާއެކު، އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް މަޖިލީހަށް ފޮނުއްވާފައެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމީޓީއިން މި ނަންތައް ދިރާސާކުރުމަށްފަހު މިއަދުގެ ޖަލްސާއަށް ހުށަހެޅި ރިޕޯޓުގައިވާ ގޮތުން، ޝަކީލަކީ ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވި ބޭފުޅާއެވެ. ޝަކީލް އީސީގެ މެންބަރަކަށް އައްޔަން ކުރުމަށް ފެންނަ ކަމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 51 މެންބަރުން ތާއީދު ކުރެއްވިއިރު، އޭނާ އައްޔަންކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ހަތް މެންބަރުންނެވެ.
މުހައްމަދު ޝަކީލަކީ މީގެކުރިން ވެސް އިލެކްޝަންސް ކޮމިޝަންގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ޑިސެމްބަރު 2014 އިން މެއި 2018 އާ ހަމައަށް އޭނާ ވަނީ އެ ކޮމިޝަނުގެ މެމްބަރުކަން ކުރައްވައިފައެވެ. އޭގެ ކުރިން ސެޕްޓެމްބަރު 2013 އިން ޑިސެމްބަރު 2014 އަށް އޭނާ ހުންނެވީ އެ ކޮމިޝަންގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގައެވެ.
ޖުމްލަ ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އިލެކްޝަންސް ކޮމިޝަނުގައި މިވަގުތު ތިއްބެވީ ނައިބު ރައީސް އަބްދުއްރަޙްމާން ސަލާހު ރަޝީދާއި، މެމްބަރުން ކަމަށްވާ ހަސަން ޒަކަރިއްޔާ، ޢަބްދުލްހަސީބް އިސްމާއީލް އަދި ރިފްއަތު އަބްދުﷲ އެވެ. ޝަކީލް އައްޔަންކުރުމާއެކު ކޮމިޝަންގެ މެމްބަރުންގެ އަދަދު ހަމަވާނެއެވެ.

