އެމްޓީސީސީއިން ތަރައްގީ ކުރާ ކ. ތުލުސްދޫ ފުލުހުންގެ މަރުކަޒު ސަރަހައްދުގައި ފެންސް ޖަހަން ފަށައިފިއެވެ.
އެމްޓީސީސީއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސައިޓުގެ ސެޓަޕް ނިމި، އެސަރަހައްދުގައި ފެންސް ޖެހުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ވަށައިފާރު ރޭނުމާއި، އޮފީސް އިމާރާތެއް ހެދުމާއި، ގައިދީން ބައިތިއްބާނެ ތަނެއް ހެދުމާއި، ގަރާޖެއް ހެދުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ.
މިއީ 38.91 މިލިއަން ރުފިޔާއަށް 360 ދުވަސް ތެރޭ ނިންމަން ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
ތުލުސްދޫ ފުލުހުންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންދަނީ ތަރައްގީގެ މިފަދަ އެތައް މަޝްރޫއެއް އަތޮޅު ތެރޭގެ އެކި ސަރައްދުގައި ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދަމުންނެވެ.

