ހދ. ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ގުޅިގެން، އެ ރަށަށް ކަނޑައަޅާފައިވާ ގްރާންޓް އެހީ އަންނަ ޖުލައި މަހުން ފެށިގެން ހަނިމާދޫ ކައުންސިލަށް ދޫކުރަން ނިންމާފައިވާ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހާމަކޮށްފިއެވެ.
ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމުގެ މަސައްކަތުގެ ދަށުން، އެ ރަށުގެ ރައްޔިތުން މިހާރު ވަނީ އިދާރީގޮތުން ހަނިމާދޫގެ ރައްޔިތުންގެ ގޮތުގައި ހިމަނާފައެވެ. އަދި ދާދިފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައިވެސް އެ ރަށުގެ ރައްޔިތުން ވޯޓު ދީފައިވަނީ ހަނިމާދޫ ކައުންސިލް އިންތިޚާބު ކުރުމަށެވެ. މި ބަދަލާއެކު ހިރިމަރަދޫ މިހާރު ބަލަހައްޓަމުން ދަނީ ހަނިމާދޫ ކައުންސިލްގެ އަވަށު އޮފީހެއްގެ ގޮތުގައެވެ.
ނަމަވެސް، އިތުރުވި އާބާދީއަށް ބޭނުންވާ ބަޖެޓު މިހާތަނަށް ލިބިފައިނުވާތީ ހަނިމާދޫ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ކައުންސިލުން ހާމަކުރި ގޮތުގައި، ހިރިމަރަދޫގެ މުވައްޒަފުންގެ މުސާރައާއި އެހެނިހެން އިދާރީ ޚަރަދުތަކަށް ޖޫން މަހު އެކަނިވެސް 267,780.43 ރުފިޔާ ވަނީ ހޭދަވެފައެވެ. މި ޚަރަދުތައް މިހާތަނަށް ހަމަޖައްސާފައިވަނީ ހަނިމާދޫއަށް މިއަހަރު ކަނޑައެޅި ގްރާންޓުގެ ތެރެއިންނެވެ.
މިކަމާ ގުޅިގެން އެލްޖީއޭއިން ބުނީ، މިއަހަރުގެ ބަޖެޓު އެކުލަވާލިއިރު އެއީ އިދާރީ ވަކި ދެ ރަށެއް ކަމަށްވާތީ، ބަޖެޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކަމާގުޅޭ އިދާރާތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އަންނަ މަހުގެ ގްރާންޓް ދޫކުރާއިރު، ހިރިމަރަދޫގެ ޚަރަދުތަކުގެ އިތުރުން ޖޫން މަހު ހަނިމާދޫ ކައުންސިލުން ކުރި ޚަރަދުތައްވެސް ހިމަނައިގެން ފައިސާ ޖަމާކޮށްދޭނެ ކަމުގެ ޔަގީންކަން އެ އޮތޯރިޓީން ވަނީ ދީފައެވެ.
ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެކެވެ. މި މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 100 ރޯހައުސް ތަރައްޤީކުރަމުންދާއިރު، މިއީ އެ ރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން ކުރިއަށްގެންދާ ހިޖުރަކުރުމުގެ މަސައްކަތެކެވެ. ހިރިމަރަދޫގައި ރަޖިސްޓްރީވެފައިވާ 500 އަށްވުރެ ގިނަ މީހުން ތިބި ނަމަވެސް، މިހާރު އެ ރަށުގައި ދިރިއުޅެނީ ގާތްގަނޑަކަށް 200 އެއްހާ މީހުންނެވެ.

