ނަޝީދު:” ބުނެފީމެއްނު އަހަރެން ވަރަށް ވަރުބަލިވެފައޭ މިއޮތީ. ފޫހިގޮތަކަށް ޗޮކެއް ކަނޑާލިއެވެ.ހިތައް ކުރާ އަސަރުން އެ ހިތް ރޮއެހަޅޭއްކޭއްގެ އަޑު އިވޭނީ ފަޒޫ ކަންފަތައް އެކަންޏެވެ. އޭނާގެ ޒުވާން ނަފްސުހަމައަކަށް އަޅުވައި ކެތްތެރިވީ އަލަތުފިރިމީހާ ގާތުގައި އޮންނަން ވެސް ލަދުންނެވެ.ޝަކުވާއެއް ސުވާލެއް ނުކޮށް ލޮލުތެރެއަށް ޖަމާވި ކަރުނަތައް ހިންދާލިއެވެ. ޖެހިގެން އައިދުވަހު ހުރިހާ ކަމެއް ފުރިހަމަކޮށްލައި ނަޝީދު ގެއިން ނިކުތުމުގެ ކުރީން ދެ ދަރިން ގޮވައިގެން އޭނާ ދޮރުމައްޗަށް ނިކުމެ ހުއްޓެވެ. ޓެކްސީ މަޑުކޮށްލުމުން އޭނާ ނިކުމެ ދެދަރިންނަށް ސަލާމްކޮށްލައި ފަޒޫ ބޮލުގައި ފިރުމާލައި ކާރަށް އަަރައިގެން އެ ދަތުރު ފެށީއެވެ. ޓެކްސީ ފަހަތުގައި އިން ނަޝީދު ފަހަތް ބަލާލިއެވެ. ދެދަރިންނާ އެކު ފަޒޫ އެހުރީ ވަރަށް ދެރަވެފައި ކަން އެނގުނުމެ އެހެނަސް … މިދަތުރު ވަރަށް މުހިންމު ނުގޮސްވާންނެތް.
އޭނާ ހިތަށް މި އެރިކަމަކުން ފުންނޭވާއެއްލައި ފޯނުނަގައި ކޯލެއްކޮށްލިއެވެ. އެކޮޅުން ވާހަކަދެއްކި މީހަކު ހުރިހާ ކަމެއްވެސް ކުރިއަށް ގެންދާނީ ނަޝީދުގެ އެއްބަސް ވުމަށްކަން ބުންޏެވެ. އޭނާ ފުރައިގެން ދިޔަފަހުން ތިން ދުވަސް ފާއިތުވިއެވެ. ގޭތެރެ ތަރުތީބުކުރަން އުޅެފައި ނަޝީދު ކުރީ ރޭ ލައިގެން ހުރި ގަމީހާ ފަޓުލޫނު ދޮންނަން ނެގިއެވެ.
ކުއްލިއަކަށް އެ ލޮލުގައި އަޅައިގެން އެއްޗަކީ ލޭއްނޫނެވެ. އަންނައުނުގައި އުނގުޅިފައި ހުރި ރަތް ކުލައަކީ ދެވަނަ އެއްޗެއް ނޫނެވެ، އަންހެނެއްގެ ތުންފަތުން ތަތްގަނޑު އަޅާފައިވާ ރަތްކުލައިގެ ފޮނިކަމުގެ ނިޝާނެއްކަން އޭނާއަށް ޔަޤީންވިއެވެ. ބެރެއް ޖަހާހެން ހިތް ނެގިފައި ތެޅެމުން އޭނާ ދެއަތް ތުރުތުރު އެޅިއެވެ. ލޮލުން ކަރުން ފޭބީ އޭނާ ދުވަހަކުވެސް ޝައްކުކުރަން ބޭނުން ނުވާކަމެއްގައި އަދު އެކަމެއް ޤަބޫލުކުރަން މަޖުބޫރުވީމައެވެ. އެހެން އަންހެނެއްގެ އަވާގައި ޖެހިގެން ކަން އެނގުނު ހިސާބުން ފަޒޫއަށް މިހެން ކަންތައް ކުރީ ކޮންކުށެއް އޮވެގެން ކަން އޭނާ އޮޅުން ފިލުވަން ބޭނުންވިއެވެ. ހަފްތާއެއް ފާއިތުވިއެވެ. ރެގަނޑު ދަރިން ނިދީމައި އޭނާ އެހެންއޮވެ ނޯށުންދަމައި ކަރުނަ އޮހޮރުވާކަން ޖެހިގެން ހުރި ފިލާގަނޑު ފަހަތުގައި އޮންނަ ސާރާއަށް އެނގެއެވެ. ސާރާގެ ކުޑަހިތަށް ވަަރަށް އަސަރުކުރެއެވެ. މަންމަ ވާހަކަތަކެއް ސިއްރުކޮށްގެން އުޅުނަސް ބައްޕައާ މަންމައާ ދެމެދު ގުޅުން ހީނަރުވެފައިވާ ކަން ސާރާއަށް އެނގެއެވެ. އެހެނަސް އެކަމާ މަންމައާ ސުވާލުކޮށްލާނެ ހިތްވަރެއް އޭނާއަކަށް ނުލިބެއެވެ. މަންމަގެ ލޮލުން އަޅާކަރުނަތައް ގިނަވެދާނެތީއެވެ.
ނަޝީދު އެނބުރި މާލެ އައިސް މޫޑު ހަމަޖެހިފައި ހުރި އުފަލުން ހީވަނީ އެހެންކަމެއް ހެނެވެ. ސާރާއަށް ބައްޕަ ފެންނަނީ ވަރަށް އުފާވެފައި ހުއްޓާއެވެ. އެހެނަސް އެއީ އޭނާއާ ޝުހާ ފެނިގެން ވެފައި ހުންނަ އުފަލެއް ނޫނެެވެ. ހުސްވަގުތެއްގައި އާޢިލާއެކު ވަގުތު ހޭދަކޮށްލަން ފުރުސަތު ލިބުނަސް ނަޝީދު އިންނަނީ ލެޕްޓޮޕް ހިފައިގެން ކޮންމެވެސް މަސައްކަތެއްގައެވެ. ކުޑަ މަންޖެ އުރައިގެން ފަޒުނާ އައެވެ.
ފަޒުނާ:” ނަދޫ. ހިނގާބަލަ ދެން އޮތް ސްކޫލުބަންދަށް މި ކުދިންގޮވައިގެން އަހަރެންގެ ރަށަށް ގޮސްލަން.
މިކުދިންގެ މާމަމެން ވެސް ކުދިން ދެކޭ ހިތުން ގުޅާގެން އަބަދު އެވާހަކަ ދައްކާ. އިސްޖަހައިގެން އިން ނަޝީދު ގޮތަކަށްބަލާލިއެވެ. ކުރަން އިން މަސައްކަތަކީ ކޮންމެވެސް މީހަކާ ޗެޓްކުރުމެވެ. ލެޕްޓޮޕް ލައްޕާލައި އިން ތަނުން ތެދުވެގެން އައިސް ނަދޫ އުރައިގެން އިން ދަރުފުޅު ނެގިއެވެ. ވަރަށް މަޖާވެފައި ތުއްތުދަރިފުޅާ ވާހަކަ ދައްކައި މަޖާކުރަން ފެށިއެވެ. ހިތުގައި އަޅާވޭންތައް ފޮރުވައިގެން ހުރި ފަޒޫއަށް އެ މަންޒަރުފެނިފައި ހިތުގައިވާ ވޭންތަކުން ޒައްރެއް އުނިވިހެން އިޙްސާސްވިއެވެ. ހިތުގައި އުނިވި ޒައްރެއްގެ މިންވަރު އިން ދިމާގައި ފުރާލާނީ ކޮންކަހަލަ ވޭނެއްކަމެއް ނުއެނގެއެވެ. އޭނާ ވީއުފަލުން އައިސް ނަޝީދު ގައިގާ އޮޅުލާގަނެވުނެވެ. މި މަންޒަރުބަލަން ކޮޓަރިތެރޭން ދޮރުހުޅުވައިގެން ނޭނގޭގޮތައް ދޮށީ މަންޖެ ހުއްޓެވެ. ބައްޕަ ގާތުގައި ކުޑަ ވަގުތުކޮޅަކަށް މަންމައަށް ހުންނަން ލިބުނަސް މަންމައަށް އެލިބޭ އުފާ ދުރުން ބަލަން ހުރި ސާރާއަށް ވިސްނުނެވެ.
ކުޑަ ސާރާ އެހުރިހާ ކަމެއް ދަސްކުރަނީއެވެ. އޭނާ ވެސް ތަސައްރަފު ފުދި މީހަކާ އިންނަން ވާއިރަށް އަންހެނަކަށް ލިބޭ އޯގާތެރިކަމާ އަޅާލުމަކީ ކޮން އެއްޗެއްކަން ދެނެގެންނަނީއެވެ. ކޮންމެ ދުވަހެއްގައި އެވާ ހުރިހާ ކަމަކީ މުސްތަޤުބަލަށް އޭނާއަށް ދަސްވާ ފިލާވަޅުތަކެއް ފަދައެވެ.
ނަޝީދު:” އެންމެ ރަނގަޅު. ފަޒޫމެން ދޭ، އޭނާ އިސްއުފުލާލީ ދާދި ދެންމެ އެހިތުގައި އެ އުނިވި ހިތާމައިގެ ތަންފުކަށް އެހެން ބަރުކަމެއް އިޙްސާސްކުރަން ކަންޔަޤީނެވެ.
ފަޒުނާ:” ނަދޫ ވެސް އަހަރެމެނާ އެކު ނުދާނަންތަ؟ މިވީ ތިން އަހަރުވެސް ނެތް ރަށަށް ދެވިފައެއް. ޕްލީސް ހިނގާބަލަ އެންމެން އެއްކޮށް ރަށަށް ގޮސްލަން.
ނަޝީދު:” އަހަރެންނަށް ޗުއްޓީއެއްވެސް ލިބޭގޮތެއް ނުވޭ. ކިހިނެއް ދަނީ؟ ދެން މިފަހަރު ކުދިން ގޮވައިގެން ފަޒޫ ދޭ. އޭނާ ހިތުގައި ޖެހުނުލެއް ބޮޑުވެގެން ކުޑަ ޝުހާއުރައިގެން ހުރެ ރޯންފެށިއެވެ.
ފަޒުނާ:” ހެޔޮނުވާނެ ނަދޫ. ނިކަން އަހަރެންނަށް ކޮންކަމެއް ކުރެވިގެންތަ ތިހެން ކަންތައް ތި ކުރަނީ؟
ސާރާ އަވަހަށް ޕާޓިޝަން ފިލާދޮރުލައްޕާލިއެވެ. މަންމައަށް ކެތްނުވެގެން ޝަކުވާތައް ބަންޑުންކޮށްލިއެވެ. އޭނާ އަވަހަށް އެނދަށް އަރާ ރަޖާގަނޑުދަށަށް ވަދެނިވާވެލިއެވެ. ހިތްބިރުން އޮތް ސާރާއަށް އޭނާ މަންމަގެ ފުންހިތާމައިގެ ފުރަތަމަ ޝަކުވާ ކުރި އަޑު އެހީ ކަންފަތައް ހޮނުގުގުރިއެއް އެޅިހެނެވެ. މަންމަގެ ވޭނީ ރުއިމުގެ އަޑު އިވިފައި ރާޖާދަށުގައި އޮތް ސާރާއަށް ގިސްލެވިފައި ރޮވެންފެށިއެވެ.
އެދެމަފިރިން ދެމެދުގައި ޒުވާބުތަކެއްކޮށް ކޮންމެވެސް ބިއްލޫރި ފުޅިއެއް ނުވަތަ ތަށްޓެއް ވައްޓާ ތަޅައިގެން ދިޔަ އަޑަށް ކުއްލިއަކަށް ސާރާއަށް ތެޅިގެން ފުންމައިގެން އެނދުން ތެދުވިއެވެ. އެހެނަސް އޭނާއަކަށް މައިންބަފައިންގެ ކޯޅުންދެމެދަށް ވަންނަން ދާކަށް ހަމަހިލާ ނުކެރުނެވެ. ސާރާ ދުވަހަކުވެސް އަޑު އަހަން ބޭނުން ނުވާ އެއްޗެއް މަންމައާ ދިމާއަށް ރުޅިގަދަވެފައި ހުރި ބައްޕަ ބުނިއަޑު އިވުނެވެ. މިދަންވަރު ވަގުތު މަންމައާ ބައްޕަގެ މި ކޯޅުންގަނޑު ދެމިގެންދިޔައީ އަނެއްދުވަހުގެ އިރުއެރުމާ އެކީގައެވެ.
ޖެހިގެން އައި ދުވަހު ސާރާ އަމިއްލައަށް ތައްޔާރުވެގެން ސްކޫލަށް ދާން ނިކުތެވެ. އެއްވެސް ބެލެނެވެރިއަކާ ނުލައި އެކަނިމާއެކަންޏެވެ. ދެރަވެފައި ބާރަށް ފިޔަވަޅު އަޅަމުން ދިޔަ ސާރާއަށް ރޭގައި ބައްޕަ އެބުނި ބަސް ހަނދާން ވުމުން ވަަރަށް ދެރަވިއެވެ. ދެން ކަންތައް ވާނެގޮތެއް ނޭނގެއެވެ. އެދުވަހު ސްކޫލުގައިވެސް ސާރާއިނީ އެ ފިކުރެއްގައެވެ. އޭނާއަށް ނަފްސާނީ ދުއްތުރާތަކެއް ވާއިރު އޭނާގެ މަންމައަށް އަދި ކަންތައް ވާނީ ކިހިނެއްބާ؟ ވަރަށް ހިތްވަރުކޮށްފައި ސާރާ މަސައްކަތްކުރީ ކްލާހުގައި ތިބި ދަރިވަރުންނާ ޓީޗަރަށްވެސް ހުރިހާ ކަމެއް ސިއްރުކޮށް އޭނާ ހިތުގައި އެކަމެއް ފޮރުވާށެވެ. މި ޅައުމުރުގައިވެސް ބޮޑު އަންހެނެއްގެ އިޙްސާސްތައް ކުޑަ ސާރާއަށް އެނގެއެވެ.
=ނުނިމޭ=

