މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަކީލް އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) ހާމަކޮށްފައިވާ ގޮތުގައި، ޝަކީލް ވަނީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގެ އިތުރުން އެ ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުން ވެސް އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައެވެ. އެހެންކަމުން އޭނާގެ އިސްތިއުފާ ގަބޫލުކޮށް، މަގާމުން ވަކިކޮށްފައިވާ ކަމަށް ޕީސީބީން ވަނީ ވިދާޅުވެފައެވެ.
ޝަކީލް މި މަގާމުން އިސްތިއުފާ ދެއްވާފައިވަނީ، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް އޭނާ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދިނުމާ ގުޅިގެންނެވެ.
2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު ހައްޖު ކޯޕަރޭޝަންގެ އެމްޑީ ކަމަށް އައްޔަން ކުރެއްވި ޝަކީލަކީ މީގެކުރިން ވެސް އިލެކްޝަންސް ކޮމިޝަންގެ އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ޑިސެމްބަރު 2014 އިން މެއި 2018 އާ ހަމައަށް އެ ކޮމިޝަނުގެ މެމްބަރުކަން ކުރެއްވިއިރު، ސެޕްޓެމްބަރު 2013 އިން ޑިސެމްބަރު 2014 އާ ހަމައަށް އެ ކޮމިޝަންގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމު ވެސް ވަނީ އަދާކުރައްވާފައެވެ.
އިލެކްޝަންސް ކޮމިޝަން އެކުލެވިގެން ވަނީ ފަސް މެމްބަރުންގެ މައްޗަށެވެ. އެ ކޮމިޝަނުގައި މިވަގުތު ތިއްބެވީ ނައިބު ރައީސް އަބްދުއްރަޙްމާން ސަލާހު ރަޝީދާއި މެމްބަރުން ކަމަށްވާ ހަސަން ޒަކަރިއްޔާ އާއި ޢަބްދުލްހަސީބް އިސްމާއީލްގެ އިތުރުން ރިފްއަތު އަބްދުﷲ އެވެ.

