ނައިފަރު ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 80 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.
އެ މަސައްކަތްތަކާ ހަވާލުވެގެން މަޝްރޫއުތައް ކުރިއަށް ގެންދާ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ހާމަކުރައްވާފައިވާ ގޮތުގައި، މިހާރު ކުރިއަށް ދަނީ ރޮކް ބޯލްޑާ ރިވެޓެމެންޓުގެ މަސައްކަތް ކަމަށާއި މުޅި މަަޝްރޫއުގެ 80 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 44.80 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 1813 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 474 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 803 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ނައިފަރު ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
މި މަޝްރޫއަކީ 679.03 މިލިއަން ރުފިޔާއަށް 630 ދުވަސް ތެރޭ ނިންމަން ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

