ދިރިއުޅުމުގެ އާދަކާދަތައް ހުންނަ ގޮތުން ސިއްހަތާމެދު ކިރިޔާވެސް ފަރުވާކުޑަ ކޮށްލެވިއްޖެނަމަ ހިތަށް ނާރާ ވަރުގެ ގެއްލުންވެދާނެއެވެ. ޒަމާން ބަދަލުވެ، ކަންތައްތައް މީގެ ކުރިއާ އަޅާބަލާއިރު މިހާރު ދަނީ ދުވަހަކަށްވުރެ ދުވަހެއް ފަސޭހަ ވަމުންނެވެ. އަހަރުތަކެއް ކުރިން މާލޭގެ ހެންވޭރުން މާފަންނަށް މާފަންނުން ހެންވޭރަށް 15 މިނެޓު ތެރޭ ދެބުރު އަޅާލެވުނު ނަމަވެސް ހަމައެމީހާ މިއަދު މާާފަންނު ރަސްފަންނުން އައިޖީއެމްއެޗާ ހަމައަށްވެސް ހިނގާފައި ދާންވެއްޖެނަމަ ވަރަށް ބޮޑު ކަމަކަށްވެ ދަންނަހާ ބަޔަކަށް ގުޅާނެއެވެ. ސައިކަލާއި ކާރުތަކުން ތޮއްޖެހެމުންދާ މިކުޑަކުޑަ މާލޭގެ ހަމައެކަނި މަގުތަކަށް ބަލާލުމުންވެސް އަޅުގަނޑުމެންގެ ދިރިއުޅުމުގެ ހާލަތު ވަޒަން ކުރެވޭނެއެވެ.
ިއިންސާނާގެ ހަށިގަނޑު، ބައެއް ކަންތައްތަކަށް ކަންނެތް ވެއްޖެނަމަ ވަރަށް އަވަހަށް ބަލިބައްޔަށް ހުށަހެޅިގަނެއެވެ. މީރު ކޮންމެ އެއްޗެއް ހިތުހުރި ވަރަކަށް ކެެއުމާއި، ޒާތްޒާތުގެ ފިނި ބުއިންތަކާއި މޮޅު ނަންނަން ދީފަ ހުންނަ ބިދޭސީ، ދޭސީ ކާބޯތަކެއްޗަކީވެސް ރައްކާތެރި އާދަތަކެއް ނޫނެވެ. އުމުރަށްވުރެ ކުރިން ބަލިވެދެއެވެ. އެގޮތުން އެންމެ އާންމު ގޮތެއްގައި ދިމާވާ މައްސަލަތަކުގެ ތެރޭގައި ހަކުރު ބައްޔާއި، ކޮލެސްޓްރޯލް މަތިވުމާއި، ބަރުދަން އިތުރުވުމަކީ ގިނަ ބަޔަކު ތަހައްމަލު ކުރަމުންދާ އާންމު ސިއްހީ މައްސަލަތަކެކެވެ. މިފަދަ މައްސަލަތަކަށް ހައްލެއް ހޯދުމަށް ގިނަ ފަހަރަށް ބޭނުންކުރެވެނީ ކެމިކަލް އެކުލެވޭ ބޭސްތަކެވެ. ނަމަވެސް، އަޅުގަނޑުމެންގެ ބަދިގެއިން ފަސޭހައިން ލިބެން ހުންނަ ބައެއް ބާވަތްތައް ބޭނުންކޮށްގެން ތައްޔާރުކުރާ ބުއިންތަކަކީ މިފަދަ ބަލިތަކުން ރައްކާތެރިވުމަށާއި، ބަލިތަކުގެ އަސަރު ކުޑަކުރުމަށް އެހީތެރިވެދޭ ވަރަށް މުހިންމު ވަސީލަތްތަކެކެވެ. މިގޮތުން މިހާރު އާންމުވަމުންދާ އެއް ބުއިމަކީ، ސައިމާފެނާއި ބެއިލީފް އަދި ލުނބޯ ފަދަ ބާވަތްތައް ބޭނުންކޮށްގެން ތައްޔާރުކުރާ ހާއްސަ ސައި ނުވަތަ ފެނެކެވެ.
މި ހާއްސަ ބުއިން ތައްޔާރުކުރުމަށްޓަކައި ބޭނުންވަނީ ވަރަށް އާދައިގެ އަދި ހަށިގަނޑަށް ފައިދާހުރި ބާވަތްތަކެކެވެ.
ފުރަތަމަ ކަމަކަށް އެއް ލިޓަރުގެ ސާފު ބޯފެން ތެއްޔަކަށް އަޅާށެވެ. އެއަށްފަހު، އޭގެ ތެރެއަށް ބޮޑުސަމުަސަލަކުން މިންކޮށްގެން ހިއްކާފައިވާ ސައިމަލުގެ ފިޔަތައް، ދެ ބެއިލީފް (Bay leaves) އަދި ފަސް ސްޓާ އެނައިސް (Star anise) އިތުރުކުރާށެވެ. މީގެ އިތުރުން، ތާޒާ ލުނބޯގެ ހަތަރު ފޮތި އަދި 4 އިންޗީގެ 2 ފޮނިތޮށި ބުރި (Cinnamon stick) އޭގެ ތެރެއަށް އަޅަންވާނެއެވެ. މި ހުރިހާ ބާވަތްތަކެއް އެއްކުރުމަށްފަހު، މަޑު ގިނީގައި ގާތްގަނޑަކަށް ދިހަ މިނެޓު ވަންދެން ފެންގަނޑު ރަނގަޅަށް ކައްކާލަން ޖެހެއެވެ. މިގޮތަށް ކެއްކުމުން އޭގައި ހިމެނޭ ހުރިހާ މާއްދާތަކެއް ފެނުގެ ތެރެއަށް ރަނގަޅަށް ގިރި، އޭގެ އަސްލު ފައިދާ ލިބިގެންދާނެއެވެ. ކައްކައި ނިމުމުން ފެންގަނޑު ފުރޭނުމަށްފަހު، ހޫނުކޮށް ނުވަތަ ހިހޫކޮށްގެން ބޭނުންކުރެވިދާނެއެވެ.

ސައިމަލާއި ބެއިލީވްސް ގެ ސައި؛ ބަރުދަން ލުއިކޮށްދޭ، އަދި ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކޮށްދީ، އަދިވެސް އެތައް ފައިިދާއެއް—-ފޮޓޯ ތައްޔާރުކުރީ ޝައްފަ/ހުވަދޫމީޑިއާ
މި ބުއިމުގައި ހިމެނޭ ކޮންމެ ބާވަތަކީވެސް އަމިއްލަ ޒާތުގައި ސިއްހީ ގިނަ ފައިދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ. މިސާލަކަށް:
- ފޮނިތޮށީގެ ސަބަބުން ހަށިގަނޑުގެ މެޓަބޮލިޒަމް ރަނގަޅު ކޮށްދޭ
- ބެއިލީފްއަކީ ހަޖަމުކުރުމުގެ ނިޒާމަށް އެހީތެރިވެދޭ
- ސްޓާ އެނައިސް؛ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ، ތަފާތު އިންފެކްޝަންތަކުން ރައްކާތެރިކޮށްދޭ މާއްދާތައް އެކުލެވޭ
- މި ބާވަތްތައް އެކުވެގެން އުފެދޭ މި ބުއިމަކީ ހަމައެކަނި ރަހަ މީރުވުމާއެކު، ހަށިގަނޑަށް ބޭނުންވާ މުހިންމު އެންޓިއޮކްސިޑެންޓްތަކުން މުއްސަނދިވެފައިވާ ބުއިމެކެވެ. ގިނަ ބަޔަކު މިހާރު މި ބުއިން ބޭނުންކުރަނީ ހެނދުނު ހުސްބަނޑާ ހުރެގެންނެވެ. އެއީ އޭގެ ސަބަބުން ދުވަސް ފަށާއިރު ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިބި، ހަށިގަނޑު ސާފުކޮށްދިނުމަށް އެހީތެރިވެދޭތީއެވެ.
މިފަދަ ގުދުރަތީ ފަރުވާތަކަކީ ދިވެހި މުޖުތަމައުގައިވެސް އިހުޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ "ދިވެހި ބޭސްވެރިކަމުގެ" ތެރޭގައިވެސް ހިމެނޭ ފަދަ ބާވަތްތަކެކެވެ. އަޅުގަނޑުމެންގެ ކާބަފައިންވެސް ބަލިތަކަށް ފަރުވާ ހޯދުމުގައި ބަދިގޭގައި ހުންނަ ހަވާދުގެ ބާވަތްތައް ބޭނުންކޮށްފައިވެއެވެ. އެހެންކަމުން، މި ބުއިމަކީ ސިއްހީ ގޮތުން ބަލާއިރު އިތުބާރު ހުރި، އަދި އެއްވެސް ކެމިކަލެއް ނުހިމެނޭތީ ހަށިގަނޑަށް ގެއްލުމެއް ވުމުގެ ފުރުސަތު ކުޑަ އެއްޗެކެވެ. ގޭގައި ތިބެގެން މަދު ހަރަދަކުން ތައްޔާރުކޮށްލެވޭ މި ބުއިމަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ. ކޮންމެ ދުވަހަކުވެސް މި ބުއިން ބޭނުންކުރުމަކީ އާދައަކަށް ހަދައިފިނަމަ، އޭގެ ހެޔޮ ބަދަލު ހަށިގަނޑުން ފެންނާނެކަމަށް މި ދާއިރާގެ ތަޖުރިބާކާރުން ބުނެއެވެ.
މި ބުއިމަކީ ހަމައެކަނި ބަރުދަން ލުއިކުރުމަށް ބޭނުންކުރާ އެއްޗެއް ނޫނެވެ. މީގެ ސަބަބުން ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކޮށްދީ، އިންސުލިންގެ މަސައްކަތަށް އެހީތެރިވެދެއެވެ. އަދި ލޭގައި ހުންނަ ނުރައްކާތެރި ކޮލެސްޓްރޯލް ދަށްކޮށްދީ، ހިތުގެ ސިއްހަތު ރަނގަޅުކުރުމަށާއި ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފެހެއްޓުމަށް ބާރުއަޅައެވެ.
ހުޅުހުޅުގައި ރިއްސުމާއި ދުޅަވުމަށް މިއީ ވަރަށް ރަނގަޅު ފަރުވާއެކެވެ. މީގައި ހިމެނޭ އެންޓި-އިންފްލެމެޓަރީ މާއްދާތަކުގެ ސަބަބުން ހަށިގަނޑުގެ ރިހުންތައް ކުޑަކޮށްދީ، ހަރަކާތްތެރިކަން އިތުރުކޮށްދެއެވެ. ހަމައެހެންމެ، މިއީ ހަށިގަނޑުގެ ބޭނުންނުވާ ސަރުބީ ވިރުވާލައި ބަރުދަން ލުއިކުރުމަށްވެސް އެހީތެރިވެދޭ ބުއިމެކެވެ.
ލުނބޯގައި ހިމެނޭ ވިޓަމިން ސީ އާއި ބޭލީފްގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަވެ، ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުކޮށްދެއެވެ (Detoxification). މީގެ ސަބަބުން ހަމުގެ ސިއްހަތު ރަނގަޅުވެ، ހަށިގަނޑުގެ އެތެރޭގެ ގުނަވަންތަކުގެ މަސައްކަތް ހަލުވިވެ، މުޅި މީހާއަށް ތާޒާކަން ގެނެސްދެއެވެ.
ގުދުރަތީ ވަސީލަތްތަކުން ފަރުވާ ހޯދުމަކީ ހަރަދު ކުޑަވެފައި ދެމެހެއްޓެނިވި ނަތީޖާއެއް ލިބޭނެ ކަމެކެވެ. އެހެންކަމުން، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި މިފަދަ ބުއިންތައް ބޭނުންކުރުމާއި، މި މައުލޫމާތު އެހެން މީހުންނާ ހިއްސާކުރުމަކީ މުހިންމު ކަމެކެވެ.

