ދިވެހި ގައުމުގެ ތަރައްގީއަށާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި އާންމު ހިދުމަތްތެރިން ކުރައްވަމުން ގެންދަވާ އަގުނުކުރެވޭ ފަދަ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ތައުރީފު ކުރައްވައި، އެ ފަރާތްތަކުގެ އިހްލާސްތެރިކަން ފާހަގަކުރައްވައިފިއެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ޔުނައިޓެޑް ނޭޝަންސް (ޔޫއެން) ޕަބްލިކް ސާވިސް ޑޭގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މުޖުތަމައުގެ ފާގަތިކަމަށާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ހިދުމަތްތެރިން ވަރުބަލިކަމެއް ނެތި ކުރައްވާ މަސައްކަތްތަކަކީ ނަމޫނާ މަސައްކަތްތަކެއް ކަމަށެވެ. އަދި އެބޭފުޅުން ހޭދަކުރައްވާ ވަގުތާއި ހަކަތައަށް ރައީސް ވަނީ ސާބަސް ދެއްވާފައެވެ.
މީގެ އިތުރުން، ދައުލަތުގެ މުއައްސަސާތައް ހަރުދަނާކުރުމަށް ސަރުކާރުން ދޭ އަހަންމިއްޔަތުކަން ފާހަގަކުރައްވަމުން، ނަޒާހަތްތެރިކަމާއި ފަންނީ ހުނަރުވެރިކަމާއެކު މަސްއޫލިއްޔަތު އަދާކުރައްވާ މުވައްޒަފުންނަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގައުމީ ހިދުމަތުގައި ދެމިތިއްބެވި ހުރިހާ މުވައްޒަފުންނާއި މުއައްސަސާތަކުން ވަމުންދާ ގުރުބާނީއަށްޓަކައި އިހްލާސްތެރި ޝުކުރެއް އަދާކުރައްވަމުންނެވެ.

