ދިވެހި ކިޔުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މުހައްމަދު ޤާސިމްގެ ކާމިޔާބު ވާހަކަ "ގިލަން" ގެ މައްޗަށް އުފައްދާފައިވާ ފިލްމު މި މަހުގެ 30 ވަނަ ދުވަހު ޕްރިމިއަރ ކުރުމަށް ފިލްމް ގެ ޕްރޮޑަކްޝަން ހައުސްއިން ވަނީ ތައްޔާރު ވެފައެވެ.
"ގިލަން" އަކީ ރާއްޖޭގެ ވާހަކަ ކިޔާ އުޅޭ ފަރާތްތަކުގެ މެދުގައި ވަރަށް މަގުބޫލު ވާހަކައެކެވެ. މި ވާހަކައަށް ދިވެހިރާއްޖޭގެ އަޑުން ތައްޔާރުކުރި ރޭޑިއޯ ޑްރާމާއަށް ވެސް އަޑުއެހުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބި، އެ ޑްރާމާ ވެގެން ގޮސްފައިވަނީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ޕްރޮގްރާމަކަށެވެ.
ގިލަން ގެ ވާހަކަ ލިޔުންތެރިޔާ އަދި ސްކްރިޕްޓް ރައިޓަރ، އއ. މަތިވެރީ ފިނިވާގޭ މުހައްމަދު ޤާސިމް ލިޔުންތެރިކަމުގެ ދާއިރާއަށް ނުކުތީ އުމުރުން އެންމެ 17 އަހަރުގައެވެ. އޭނާ އެންމެ ފުރަތަމަ ލިޔުނީ "ލޯތްބެއްގެ ނިމުން" ނަމަކަށް ކިޔާ ކުރު ވާހަކައެކެވެ. ނަމަވެސް، އެ ވާހަކަ އާންމުންނާ ހަމައަށް ފޯރާފައެއް ނުވެއެވެ. މުހައްމަދު ޤާސިމްގެ ވާހަކައެއް އާންމުންނަށް އެންމެ ފުރަތަމަ ކިޔާލަން ލިބުނީ 1997 ވަނަ އަހަރު "މިއަދު" ނޫހުގައި ޝާއިޢުކުރި "އުދަބާނި" ވާހަކައިންނެވެ. އެ ވާހަކައަށް ފިލްމެއް އުފައްދައި، ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ވަނީ ހޯދާފައެވެ. އޭގެ ފަހުން ވެސް އޭނާގެ މަގުބޫލު ބައެއް ވާހަކަތައް ކަމަށްވާ "ހަ ފަރާތް"، "އެ ދަތުރު" އަދި "ވަކިނުވި ނަމަ" ފަދަ ވާހަކަތަކަށް ފިލްމު އުފައްދައި ސިނަމާތަކުގައި ވަނީ ދައްކާފައެވެ.
"ގިލަން" ފިލްމުގެ ސްކްރިޕްޓް ވެސް ލިޔެފައިވާ މުހައްމަދު ޤާސިމް ހުރީ މި ފިލްމާ މެދު ވަރަށް ބޮޑު އުއްމީދެއްގައެވެ. އޭނާ ބުނި ގޮތުގައި މި ފިލްމަކީ ކާމިޔާބު ފިލްމަކަށް ވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.
"މި ވާހަކަ އަޅުގަނޑު ފުރަތަމަ "މިއަދު، ނޫހުގައި ޝާއިޢުކުރި ދުވަސްވަރު މި ވާހަކައަށް ލިބުނު ތަރުޙީބު ބޮޑުވެފައި، އޭގެ ފަހުން ވާހަކަ ފޮތް ނެރުމުން ފޮތަށް ލިބުނު ތަރުޙީބުވެސް ބޮޑުވީމަ. މީގެ އިތުރުން ދިވެހިރާއްޖޭގެ އަޑުން މި ވާހަކައަށް ޑްރާމާ ކުޅެގެން ފޮނުވަމުން ގެންދިޔައިރު އެހުންތެރީންގެ މަގުބޫލުކަން ވަރަށް ބޮޑަށް އެޕްރޮގްރާމަށް ލިބޭކަމަށް ޕްރޮގްރާމްގެ ޕްރޮޑިއުސަރުވެސް ވިދާޅުވެފައި ވޭ،" – ޤާސިމް
މުހައްމަދު ޤާސިމް އިތުރަށް ފާހަގަކުރި ގޮތުގައި، މި ކަންކަމުން އެނގެނީ މި ވާހަކައަށް ކިޔުންތެރިންނާއި އަޑުއެހުންތެރިންގެ ވަރަށް ބޮޑު ރުހުމެއް ލިބިފައިވާ ކަމެވެ. އެހެންކަމުން، ރަނގަޅު ފެންވަރެއްގައި އުފައްދައިގެން ފިލްމެއްގެ ސިފައިގައި މި ވާހަކަ ބެލުންތެރިންނާ ހަމައަށް އަންނައިރު، ބެލުންތެރިންގެ ރުހުމާއި ތަރުހީބު ކުޑަވާނެ ކަމަކަށް ނުބެލެވެއެވެ.
މަހުގެ 30 ވަނަ ދުވަހު ރިލީޒް ކުރުމަށް ނިންމާފައިވާ ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) ގެ 50 ވަނަ ފިލްމް "ގިލަން" ގެ ޓިކެޓް މިހާރު ދަނީ ވިކެމުންނެވެ. މި ފިލްމުގެ ޕްރޮޑަކްޝަން ޓީމުން މައުލޫމާތު ދޭ ގޮތުގައި، މިހާރު އޮލިމްޕަސް ސިނަމާގެ ކައުންޓަރުންނާއި އޮންލައިން ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ފިލްމުގެ ޓިކެޓް ބައްލަވައިގަނެވޭނެވެ. އޮންލައިންކޮށް ޓިކެޓް ނެގުމުގެ ފުރުސަތު ހުޅުވާލުމާއެކު، ކިއޫގައި ނުޖެހި ބޭނުންވާ ޝޯއެއްގެ ޓިކެޓް އަވަހަށް ހޯދުމުގެ ފުރުސަތު މިހާރު ބެލުންތެރިންނަށް ވަނީ ފަހިވެފައެވެ. އޮންލައިންކޮށް ޓިކެޓް ބައްލަވައިގަތުމަށް : https://tikiti.mv/movies/gilan ހޮޓްލައިން ނަންބަރ : 7743399

