ސިނގިރޭޓުން ނަގާ އިމްޕޯޓް ޑިއުޓީ މިހާރު ހުރި މިންވަރަށްވުރެ ބޮޑުތަނުން ކުޑަކުރުމަށްޓަކައި، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލު ހުށަހަޅުއްވައިދެއްވީ ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމެވެ.
މި އިސްލާހުގެ މައިގަނޑު ބޭނުމަކީ ސިނގިރޭޓަކުން ނަގާ ޑިއުޓީގެ މިންވަރު މުރާޖައާކޮށް، އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން އެކަށީގެންވާ ބަދަލުތަކެއް ގެނައުމެވެ. އެގޮތުން، މިހާރު ގާނޫނުގައި އޮންނަ ގޮތުން ސިނގިރޭޓަކުން ނުވަތަ ބިޑިއަކުން ނަގާ 8 ރުފިޔާގެ ޑިއުޓީ، 4 ރުފިޔާއަށް ކުޑަކުރުމަށް ބިލުގައި ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން، މި ތަކެތީގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގަމުން އައި 50 އިންސައްތަ، 30 އިންސައްތައަށް ދަށްކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
ސަރުކާރުން ހުށަހެޅި މި ބިލުގައި ހީޓް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކަށް ވެސް ބޮޑެތި ލުއިތަކެއް ދިނުމަށް ވަނީ ހިމަނާފައެވެ. އެގޮތުން، އެފަދަ އުފެއްދުންތަކުގެ ކޮންމެ ސްޓިކަކުން ނަގާ 8 ރުފިޔާ، 4 ރުފިޔާއަށް ކުޑަކުރުމަށާއި، އެޑްވެލޮރަމް ޑިއުޓީ 50 އިންސައްތައިން 30 އިންސައްތައަށް ދަށްކުރުން ހިމެނެއެވެ.
މި ބިލުގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވުމަށް އެހީތެރިވެދޭ ތަކެތިން ޑިއުޓީ ކަނޑާލުމެވެ. އެގޮތުން ނިކޮޓިން ޗުއިންގަމާއި، ނިކޮޓިން ޕެޗް ފަދަ ދުންފަތާ ދުރުވުމަށް ޚާއްސަކޮށް އުފައްދާފައިވާ ބާވަތްތަކުން އެއްވެސް ޑިއުޓީއެއް ނުނަގާ ގޮތަށް ހަމަޖެއްސުމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ. މިއީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން އެ އާދަ ދޫކޮށްލުމަށް ބާރުއެޅުމުގެ ގޮތުން ގެންނަ ބަދަލެއް ކަމަށް ބިލުގައި ފާހަގަކޮށްފައިވެއެވެ.
މި ބިލު މަޖިލީހުން ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާއެކު މި ބަދަލުތަކަށް އަމަލުކުރަން ފެށޭނެއެވެ. އަދި ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ކަމާބެހޭ ގަވާއިދުތަކާއި އުސޫލުތައް އިސްލާހުކޮށް އާންމުކުރަން ޖެހޭނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. މި ބަދަލާއެކު ބާޒާރުގައި ސިނގިރޭޓުގެ އަގަށް ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެ

