ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފިއެވެ.
އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީން ދިރާސާކުރައްވަމުން ގެންދަވާ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް މިއަދުން ފެށިގެން ހުޅުވާލާކަން ރައްޔިތުން މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވަނީ އެ އިދާރާއިން އާންމުކުރި އިއުލާނެއްގައެވެ.
އެ ބިލާ މެދު ފާޅުކުރަން ބޭނުންވާ ޚިޔާލެއް ނުވަތަ މަޝްވަރާއެއް އޮތް ފަރާތެއް ނަމަ ޖުލައި އަށެއްވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެ ކޮމިޓީއަށް ނުވަތަ މަޖިލީހުގެ އިދާރާއަށް އެކަމެއް ލިޔުމުން ފޮނުއްވުމަށް އިއުލާނުގައި ވިދާޅުވެފައިވެއެވެ.
ޒާތީ މައުލޫމާތުގެ ރައްކާތެރިކުރުމުގެ ބިލަކީ ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހީމް (ކައްޕި) ހުށަހެޅި ބިލެކެވެ.
ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން، ރާއްޖޭގައި ޒާތީ މައުލޫމާތު އެއްކުރުމާއި ޕްރޮސެސްކުރުމާއި ބޭނުންކުރުމުގެ ނިޒާމެއް ގާއިމުކޮށް، ޒާތީ މައުލޫމާތު ނިސްބަތްވާ މީހުންގެ ހައްގުތަކާއި، މައުލޫމާތު އެއްކުރާ އަދި ޕްރޮސެސްކުރާ ފަރާތްތަކުގެ ޒިންމާތައް ކަނޑައަޅައި، އެ ފަރާތްތައް ރެގިއުލޭޓްކުރުމާބެހޭ އުސޫލުތައް ބަޔާންކުރުމެވެ.
ޒާތީ މައުލޫމާތު އެހެން ފަރާތްތަކާ ހިއްސާކުރުމާއި ޓްރާންސްފާ ކުރުމާގުޅޭ އުސޫލުތައް ކަނޑައެޅުމާއި ޒާތީ މައުލޫމާތު ޕްރޮސެސްކުރުމާ ގުޅޭގޮތުން އެ މައުލޫމާތު ނިސްބަތްވާ ޑޭޓާ ސަބްޖެކްޓުންގެ ހައްގުތައް ކަނޑައެޅުމަކީ މި ބިލްގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

