ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން 52 ސްކޫލެއްގެ އޭސީ ހަރުކުރުމުގެ މަސައްކަތްކުރިއަށްދާ ކަމަށް ހާމަކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ތައުލީމާއި މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވި ގޮތުގައި، ސަރުކާރުން ފެށި ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން ހުރިހާ ސްކޫލެއްގެ ކުލާސްރޫމްތަކެއް އޭސީކޮށް ނިންމަން ކަނޑައަޅާފައިވާއިރު، މިހާރުވެސް 52 ސުކޫލެއް އޭސީ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ވަޒީރު ވިދާޅުވީ އެއްވެސް ސަރުކާރަކު ސުކޫލްތައް އޭސީ ކުރުމުގެ ވިސްނުން ގެންގުޅެފައިނުވާކަމަށާއި ކޫލް ސްކޫލް ޕްރޮޖެކްޓަކީ މި ސަރުކާރުން ހާއްސަ އިސަކަމެއްދީގެން ކުރިއަށްގެންދާ ޕްރޮޖެކްޓެއްކަމަށެވެ. މި ޕްރޮޖެކްޓުގެ ދަށުން ހުރިހާ ސުކޫލަކަށް މިހާރު އޭސީ ފޮނުވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ގިނަ ސްކޫލުތަކަކީ ދުވަސްވެފައިވާ ސްކޫލުތަކެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ސުކޫލުތަކުގެ ކަރަންޓު ވިއުގަތައް ބަދަލުކޮށް، ކުލާސްރޫމުތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށްދާކަމަށެވެ.
ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ދިމާވަމުންދާ ގޮންޖެހުންތަކާ އެކުވެސް މި މަޝްރޫއު ކާމިޔާބުކަމާއެކު ކުރިއަށްގެންދާނެކަމަށެވެ.
ކޫލް ސްކޫލް ޕްރޮޖެކްޓް އިފްތިތާހު ކުރީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ދެ ވަނަ ދުވަހުއެވެ. އެ ޕްރޮޖެކްޓް ދަށުން ފުރަތަމަ އޭސީ ކުރީ ކ. މާފުށީ ސްކޫލެވެ.

