ނޭޝަނަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އައްޑޫ ސިޓީގައި ކޯލްސެންޓަރުގެ ޚިދުމަތް އަންނަ މަހުގައި ފަށާނެކަމަށް އެއިދާރާއިން ހާމަކޮށްފިއެވެ.
އެންސްޕާއިން އެ އިދާރާގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި، އައްޑޫ ސިޓީގައި ކޯލް ސެންޓަރގެ ހިދުމަތް ގާއިމްކުރެވި، ކޯލްސެންޓަރުގެ ހިދުމަތް ފޯރުކޮށްދޭ ވަގުތު އިތުރުވުމުން ރައްޔިތުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
އެންސްޕާއިން ގެންދަނީ އެ އިދާރާގެ ހިދުމަތްތައް ފުޅާކޮށް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ނެނެވެ. އެގޮތުން މިހާރު އެންސްޕާއިން ދެމުން އަންނަ ހިދުމަތްތަކަށް، ވަން-ގަވް މެދުވެރިކޮށް ފޯމް ހުށަހެޅޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.
ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމާއި، ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދޭ މާލީ އެހީ އާއި، ތެލެސީމިއާ އެލަވަންސާއި، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކުން ބޭނުންވާ ތެރަޕީ ފަރުވާތަކަށް ދޭ އެހީގެ ޕްރޮގްރާމާއި، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދެވޭ ހިދުމަތްތަކާއި، ފަގީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ ފަރާތަށް ދޭ މާލީ އެހީގެ ޕްރޮގްރާމަށް ވަންގަވް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.
އެންސްޕާގެ ހިދުމަތްތަކާއި ގުޅޭ މައުލޫމާތު ސާފުކުރުމަށް، އެ އެޖެންސީގެ ހޮޓްލައިން ނަންބަރު “1402” އަށް ގުޅައިގެން ސާފުކުރެވޭނެއެވެ. އަދި މެޑިކަލް ވެލްފެއަރ ނުވަތަ ބޭސްފަރުވާގެ އެހީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މާލީ އެހީ، ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ އިތުރުން އެންސްޕާގެ ހިދުމަތްތަކާއި ގުޅުން ހުރި މައުލޫމާތުތައް ހޮޓްލައިންއަށް ގުޅައިގެން ސާފުކުރެވޭނެ ކަމަށް އެ އެޖެންސީން ބުނެފައިވެއެވެ.

