އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް، ދަފްތަރު ނަންބަރު ރސ 13449، މުޙައްމަދު ޝަކީލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ.
މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި، މުޙައްމަދު ޝަކީލު ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ. ޝަކީލަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަލީމެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން ޝަކީލާ ޙަވާލުކޮށްދެއްވާފައެވެ.
މުޙައްމަދު ޝަކީލު މި މަޤާމަށް ޢައްޔަނުކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 167 ވަނަ މާއްދާގެ (ހ) އާއި 168 ވަނަ މާއްދާގެ (ށ) ގެ އިތުރުން، އިލެކްޝަންސް ކޮމިޝަންގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީންނެވެ.
ޝަކީލަކީ މީގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަންގެ އެކި މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން، 2014 ވަނަ އަހަރުގެ ޑިސެމްބަރު 3 އިން ފެށިގެން 2018 ވަނަ އަހަރުގެ މޭ 9 އާ ހަމައަށް އޭނާ ވަނީ އެ ކޮމިޝަނުގެ މެންބަރުކަން ކުރައްވާފައެވެ. އަދި އޭގެ ކުރިން، 2013 ސެޕްޓެމްބަރު 1 އިން 2014 ޑިސެމްބަރު 3 އާ ހަމައަށް އެ ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.

