މާލީ ވަޒީރު ކަމަށް ހަސަން ޒަރީރަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
ޒަރީރަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވީ މިދިޔަ ހަފުތާގެ އާދީއްތަ ދުވަހެވެ. އަދި ޖެހިގެން އައި ހޯމަ ދުވަހު އޭނާގެ ނަން ދިރާސާކުރަން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ. އެއަށްފަހު މިދިޔަ ހޯމަ ދުވަހު ކޮމިޓީން ވަނީ، ޒަރީރަށް ރުހުންދޭން ފެންނަ ކަމަށް ފާސްކޮށްފައެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ވޯޓު ގަޑީގައި ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ ރިޕޯޓަށް ވޯޓަށް އެހުމުން، ޙަސަން ޒަރީރު މާލީ ވަޒީރުގެ މަގާމަށް އައްޔަން ކުރަން 49 މެންބަރުން ރުހުން ދެއްވާފައިވެއެވެ.
ޙަސަން ޒަރީރަކީ ޓެކްސް އަދި އޮޑިޓާ ގުޅޭ އެކި މަޤާމުތަކުގައި 2000 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ޓެކްސް ކޮމިޝަނަރަކަށް އައްޔަނު ކުރެއްވުމުގެ ކުރިން ޙަސަން ޒަރީރު ވަނީ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރ އޮފް ފައިނޭންސް އެންޑް ގްރޫޕް ޗީފް ކޮމްޕަލަޔަންސް އޮފިސަރގެ މަޤާމު އަދާކުރަށްވާފައެވެ.

