ޤައުމެއްގެ އިޤްތިޞާދު ކުރިއަރައިދިއުމުގެ އަސްލަކީ އެކި ފަރާތްތަކުގެ މެދުގައި އޮންނަ އިތުބާރު ކަމަށާއި، އެ އިތުބާރު ނެތް ނަމަ މަސައްކަތުގެ ދުވެލި މަޑުޖެހޭނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑުގެ އައު ސްކީމް “ދިނަފް-48” އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
ވަޒީރު ސައީދު ފާހަގަކުރެއްވި ގޮތުގައި ރާއްޖެ ފަދަ ކުޑަ މުޖުތަމައުއެއްގައި ވިޔަފާރީގެ މައިދާނުގައި ހަރަކާތްތެރިވާ ސްޓޭކް ހޯލްޑަރުންގެ މެދުގައި އޮންނަ ގުޅުމަކީ އިޤްތިޞާދީ ހަރަކާތްތައް ހަރުދަނާކުރުމަށް އޮތް އެންމެ ބޮޑު ބާރެވެ. މިސާލެއްގެ ގޮތުން ފަތުރުވެރިކަމުގެ ސިނާއަތް ދެއްކެވި ނަމަވެސް، ރާއްޖޭގެ ޓްރޭޑް ސެކްޓަރ ނުވަތަ ވިޔަފާރީގެ ދާއިރާ އަމިއްލަ ޒާތުގައި ކުރިއަރަމުން ނުދާކަމުގެ ކަންބޮޑުވުން ވަޒީރު ފާޅުކުރެއްވިއެވެ.
“ޓްރޭޑް ސެކްޓަރ އޭގެ ޒާތުގައި ކުރިއަރައިގެނެއް ނުދޭ. އެއަށް ވުރެ ބޮޑަށް ފަތުރުވެރިކަމަށް ވާގިވެރިވާ ސިނާއަތެއްގެ ގޮތުގައި އޮތީ” ވަޒީރު ވިދާޅުވިއެވެ. ވަޒީރު އިތުރަށް ވިދާޅުވީ ވިޔަފާރިތަކަށް މަގުފަހިކޮށްދިނުމަށް (Trade Facilitation) ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ އަމިއްލަ ވިޔަފާރިތަކަށް ފުރުޞަތު ފަހިކޮށްދީގެން، އާމްދަނީ ލިބޭނެ ވަޒީފާތައް އުފެއްދުމެވެ. މީގެ ސަބަބުން ދައުލަތުގެ މާލީ ހަމަޖެހުމާއި ދަރަނީގެ ދެމެހެއްޓެނިވިކަން ވަރުގަދަވެގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ. މީގެ އިތުރުން، ފިޗް ރޭޓިންގްސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް މަތިކުރުމަކީ ސަރުކާރުގެ އިޞްލާހީ ފިޔަވަޅުތަކަށް ބައިނަލްއަޤްވާމީ ގޮތުން ލިބުނު ބޮޑު އިތުބާރެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.
މިއަދު ތައާރަފްކުރި ދިނަފް ފަންޑަކީ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގައި ރަޖިސްޓަރީކޮށްގެން ހިންގާ ފަންޑެކެވެ. މިފަދަ އިންވެސްޓްމަންޓް ފަންޑުތަކަކީ ރާއްޖޭގެ މާލީ ބާޒާރު ހަރުދަނާކުރުމަށް ނުހަނު ބޭނުންތެރި ވަސީލަތްތަކެއް ކަމަށް ވަޒީރު ސައީދު ވަނީ ވިދާޅުވެފައެވެ.

