ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާބިނގާވެ އުޅުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމަށް ހިންގަމުންދާ ޕްރޮގްރާމުގެ ދަށުން، އިތުރު 30 ވީލްޗެއާ މިއަދު ހަދިޔާކޮށްފިއެވެ. މިއީ އެ ބޭންކުގެ އިޖުތިމާއީ ޒިންމާގެ ދަށުން މުޖުތަމައަށް ފޯރުކޮށްދޭ މުހިންމު އެހީތެރިކަމެކެވެ.
ބީއެމްއެލް އިން މައުލޫމާތު ދޭ ގޮތުގައި، 2017 ވަނަ އަހަރު ފެށި މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް ރާއްޖޭގެ 105 އަށްވުރެ ގިނަ ރަށެއްގައި ދިރިއުޅޭ ފަރާތްތަކަށް 360 އަށްވުރެ ގިނަ ވީލްޗެއާ ވަނީ ފޯރުކޮށްދެވިފައެވެ. މި ޕްރޮގްރާމް އިތުރަށް ފުޅާކުރުމުގެ ގޮތުން، އެކި ފަރާތްތަކުގެ ބޭނުންތަކަށް ރިއާޔަތްކޮށް ވީލްޗެއާތަކުގެ ފެންވަރާއި ބާވަތްތަކަށް ބަދަލު ގެނެސްފައިވާ ކަމަށްވެސް ބޭންކުން ބުނެއެވެ.
މިފަހަރު ހަދިޔާކުރި ވީލްޗެއާތަކުގެ ތެރޭގައި އަމިއްލައަށް ދުއްވޭ މޮޓޮރައިޒްޑް ވީލްޗެއާގެ އިތުރުން، ހާއްސަ "މެނުއަލް" ވީލްޗެއާތަކެއް ހިމެނެއެވެ. މި ވީލްޗެއާތަކަކީ އަމިއްލައަށް ހިނގާބިނގާވެ އުޅުމުގައި އާއިލާގެ ނުވަތަ އެހީތެރިންގެ އެހީތެރިކަން ބޭނުންވާ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ވަސީލަތްތަކެކެވެ.
ބޭންކުން ބުނި ގޮތުގައި މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ މި އެހީ ލިބޭ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އާއިލާތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދިނުމެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މުޖުތަމައުގައި މިނިވަންކަމާއެކު އުޅުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ބޭންކުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއްދޭ ކަމެއް ކަމަށްވެސް ބީއެމްއެލްއިން ފާހަގަކުރެއެވެ

