މެކްސިކޯގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އޭގައި ރޭ ކުޅުނު މެޗުގައި ޗެކް ރިޕަބްލިކްގެ މައްޗަށް 3-0 އިން ކުރިހޯދައި، މެކްސިކޯ އިން ތިން މެޗުން މޮޅުވެ ގްރޫޕްގެ އެއްވަނަ މަގާމު ކަށަވަރުކޮށްފިއެވެ.
މި މޮޅާއެކު މެކްސިކޯ ވަނީ މުބާރާތުގެ ނޮކައުޓް މަރުހަލާއަށް ދަތުރުކޮށްފައެވެ. މެކްސިކޯގެ ސިޓީގައި ޖޫން 30 ވަނަ ދުވަހު ކުޅޭ ދެވަނަ ބުރުގެ މެޗުގައި އެ ޓީމު ބައްދަލުކުރާނީ ގްރޫޕް ސީ، އީ، އެފް، އެޗް ނުވަތަ އައި އިން ތިންވަނައަށްދާ ޓީމަކާއެވެ.
މެޗުގެ ފުރަތަމަ ހާފުގައި މެކްސިކޯގެ ސަޕޯޓަރުންގެ ފަރާތުން ނޭދެވޭ އަދި ބޭއަދަބީ ގޮވާންތަކެއް އިވުނު ނަމަވެސް، ރެފްރީ އެވަގުތު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. މެކްސިކޯއިން މެޗުގެ ލީޑު ނެގީ 55 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އުމުރުން 22 އަހަރުގެ ވާތްފަރާތު ބެކް މާޓިއޯ ޗާވޭޒް ގާސިއާ އެވެ. މެކްސިކޯގެ ދެވަނަ ލަނޑު ޖޫލިއަން ކީނޯނޭޒް ކާމިޔާބުކޮށްދިންއިރު، ތިންވަނަ ލަނޑު މެޗުގެ ފަހުކޮޅު ޖަހައިދިނީ އަލްވާރޯ ފިޑަލްގޯ އެވެ.
މި މެޗުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ މެކްސިކޯގެ ތާރީޚީ ގޯލްކީޕަރު ގިއޭރްމޯ އޮޗޯއާ ކުޅެން ނުކުތުމެވެ. މެޗުގެ 78 ވަނަ މިނެޓުގައި ރައުލް އެންޖެލްގެ ބަދަލުގައި ކުޅެން ނުކުތް އުމުރުން 40 އަހަރުގެ އޮޗޯއާ ވަނީ ގައުމީ ޓީމަށް 154 ވަނަ މެޗު ކުޅެދީފައެވެ. އޭނާއަކީ މެކްސިކޯގެ ވޯލްޑް ކަޕް 6 ސްކޮޑެއްގައި ހިމެނިފައިވާ ތަޖުރިބާކާރު ކުޅުންތެރިއެކެވެ.
މި ގްރޫޕުން މެކްސިކޯއާއެކު ދެން ކޮލިފައިވީ ސައުތު އެފްރިކާ އެވެ. އެ ޓީމު ދެވަނަ ބުރުގައި ބައްދަލުކުރާނީ ކެނެޑާއާއެވެ. ރޭ ކުޅުނު އަނެއް މެޗުން ބަލިވި ސައުތު ކޮރެއާއަށް އަދިވެސް އެންމެ ރަނގަޅު ތިންވަނަ ޓީމުތަކުގެ ތެރެއިން ދެވަނަ ބުރަށް ދިއުމުގެ ކުޑަ ފުރުސަތެއް އެބައޮތެވެ.

