އަތޮޅުތެރޭގެ ރަށްރަށުގެ ފިހާރަތަކުގައި ތަކެތި ލިބެން ހުރި އަގުތައް “އަގުމަގު” ޕޯޓަލް މެދުވެރިކޮށް ބަލައިލެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ފަށައިފިއެވެ.
އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ގެނެސްދޭ، “ޓްރޭޑް ޑެސްކް ވިތު އަނާ” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލު ރިފާޢު ވިދާޅުވީ، މިހާރު “އަގުމަގު” ޕޯޓަލް މެދުވެރިކޮށް ފެންނަނީ ހަމައެކަނި މާލެ ސަރަޙައްދުގެ ފިހާރަތަކުގެ އަގުތައް އެކަނި ނަމަވެސް، ވިޔަފާރިތަކުގެ ޕީއޯއެސް ސިސްޓަމްތައް އިންޓަގްރޭޓް ކުރެވުމާއެކު، އަތޮޅުތެރޭގެ އެކި ރަށްރަށުގެ އައުޓްލެޓްތަކުގައި ތަކެތި ހުރި އަގުތައް ވެސް ރައްޔިތުންނަށް ފެންނަން ހުންނާނެ ކަމަށެވެ.
ރައްޔިތުންނަށް މި ޚިދުމަތް އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުން “އަގުމަގު” ގެ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް ތައްޔާރުކުރުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާކަން ފާހަގަކުރައްވާ ރިފާޢު އިތުރަށް ވިދާޅުވީ، ޖުލައި މަހުގެ ތެރޭގައި މަސައްކަތުގެ ބޮޑުބައެއް ނިންމައި، އަންނަ މަހުގެ ތެރޭގައި އަތޮޅުތެރޭގެ އަގުތައް ވެސް ޕޯޓަލްއިން ފެންނާނެ ގޮތް ހެދުމަށް އިންތިޒާމުތައް ހަމަޖައްސާނެ ކަމަށެވެ.
އެޕްލިކޭޝަން ވެގެންދާނީ މިހާރު ވެބް ޕޯޓަލްއިން ލިބެން ނެތް ގިނަ ފީޗަރތަކަކާއެކު، ފިހާރަތަކުގެ އަގުތައް ވަރަށް ފަސޭހައިން އަޅާކިޔާލެވޭނެ ފަދަ ނިޒާމަކަށެވެ.
“އަގުމަގު” އަކީ ބާޒާރުގައި އެންމެ އަގުހެޔޮކޮށް ކާބޯތަކެތި ލިބެންހުރި ފިހާރަތައް ރައްޔިތުންނަށް ފަސޭހައިން ދެނެގަނެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ޚާއްޞަ ޕޯޓަލެކެވެ. މި ޕޯޓަލްގައި މައިގަނޑު ގޮތެއްގައި ހިމަނާފައިވަނީ ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ އަސާސީ ކާބޯތަކެތީގެ ބާވަތްތަކެވެ. މި ޕޯޓަލްގައި ހިމަނާ މަޢުލޫމާތަކީ އެ ވުޒާރާގެ އިންސްޕެކްޝަން ޓީމުތަކުން އަމަލީ ގޮތުން ފިހާރަތަކަށް ޒިޔާރަތްކޮށް އެއްކުރާ އަގުތަކެކެވެ.

