ދިވެހިރާއްޖެއިން ސްޓޭޓް އޮފް ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާ ސަފީރުން ޢައްޔަން ކުރައްވައިފިއެވެ.
މި ގައުމުތަކަށް ކަނޑައަޅުއްވާ ސަފީރުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުމިއަދު އައްޔަންކުރެއްވި ދެ ބޭފުޅުންނަކީ، ސްޓޭޓް އޮފް ޤަތަރަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، ޢައްޔަންކުރެއްވީ އާދަމް ޝަރީފު ޢުމަރެވެ. އަދި އެކުވެރި ޢަރަބި އިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ޢައްޔަން ކުރެއްވީ ޠާރިޤު އިބްރާހީމްއެވެ.
މި ދެ ބޭފުޅުންނަށް ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ސްޓޭޓް އޮފް ޤަތަރަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، ޢައްޔަންކުރެއްވި، އާދަމް ޝަރީފް އުމަރު، ކުރިން ހުންނެވީ މި ސަރުކާރުގެ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރުކަމުގައެވެ.
އެކުވެރި ޢަރަބި އިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ޢައްޔަން ކުރެއްވި ތޯރިގަކީ މި ސަރުކާރުގެ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާބެހޭ މިނިސްޓަރުގެ މަގާމުގެ އިތުރުން، މީގެ ކުރިން ތިމާވެއްޓާއި ފަތުރުވެރިކަމާބެހޭ މިނިސްޓަރުގެ މަގާމުވެސް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.
މި ދެ ބޭފުޅުން ވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވީ ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހަށް ގެންނަވަން ބޭނުންފުޅުވި އިދާރީ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ. ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ކުރިން މި ދެ ބޭފުޅުން ތިއްބެވީ ހާރިޖީ ވުޒާރާގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމުގައެވެ.
މި ދެ ބޭފުޅުން، ސަފީރުންގެ ގޮތުގައި އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދެއްވާފައިވަނީ މިމަހުގެ 15ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.

