ދިވެހިރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ނިޒާމު ޒަމާނީކޮށް، ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ޖަޕާނު ސަރުކާރުން ހަދިޔާކުރި “ފޭޝަލް ރިކޮގްނިޝަން ސިސްޓަމް” ރަސްމީކޮށް މިއަދު ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ކޯޕަރޭޓް ހޯލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ޖަޕާނު ސަރުކާރުގެ ފަރާތުން މި ސިސްޓަމް ހަވާލުކޮށްދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯއެވެ. ދިވެހި ސަރުކާރާއި މޯލްޑިވްސް އިމިގްރޭޝަނުގެ ފަރާތުން މި ސިސްޓަމާ ރަސްމީކޮށް ހަވާލުވެވަޑައިގަތީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.
މި ރަސްމިއްޔާތުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން (ރިޓަޔަރޑް) އަޙްމަދު ފަޞީޙްގެ އިތުރުން، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު އަދި ޖަޕާނު ސަރުކާރުގެ އިސް މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، މި އައު ސިސްޓަމްގެ ސަބަބުން ރާއްޖޭގެ އެއަރޕޯޓްތަކުން ދަތުރުކުރާ ފަސިންޖަރުންގެ އައިޑެންޓިޓީ ކަށަވަރުކުރުމަށާއި މައުލޫމާތު ސާފުކުރުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. މިއީ ބޯޑަރު ހުރަސްކުރާ ފަރާތްތަކުގެ ސައްކަތްތެރިކަން ކަށަވަރުކުރުމަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެއްގެ ގޮތުގައި އެ މުއައްސަސާއިން ސިފަކުރެއެވެ.
ޖަޕާނު ސަރުކާރުން ވެދެއްވި މި އެހީތެރިކަމަށްޓަކައި އިމިގްރޭޝަނުން ވަނީ އެ ގައުމަށް ޝުކުރު އަދާކޮށްފައެވެ. މި ސިސްޓަމް ބޭނުންކުރަން ފެށުމުން ބޯޑަރު މެނޭޖްމަންޓް ވަރުގަދަވެ، އެއަރޕޯޓުގެ ކިއޫތަކުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަވެގެންދާނެއެވެ. މީގެ އިތުރުން، ރާއްޖޭގެ އެއަރޕޯޓްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ރައްކާތެރިކަމާއި ހަލުވިކަން ބައިނަލްއަގުވާމީ ފެންވަރަށް މަތިވެގެންދާނެ ކަމަށްވެސް އެ އިދާރާއިން ފާހަގަކުރެއެވެ

