މާލޭގައި ހުރި ތާރީހީ މުހިންމު ބިނާއެއް ކަމަށްވާ އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި، އެތަނަށް ބަޔަކު ގެއްލުންދީފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ. މިކަމާ ގުޅިގެން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވަނީ ކަންބޮޑުވުން ފާޅުކޮށް، އެކަން ކުރި ބަޔަކު ހޯދުމަށް ފުލުހުންނާ ގުޅިގެން ތަހުގީގު ފަށާފައެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ރަސްކަމުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިހާރު ފެންނާން ހުރި ހަމައެކަނި ބައި ކަމަށްވާ އުސްގެކޮޅަށް ގެއްލުން ދޭން އުޅޭކަން އެ ވުޒާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. މި އަމަލު ހިންގި ފަރާތްތަކާމެދު ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ވުޒާރާއިން ވަނީ ދީފައެވެ.
ވަޒީރު ހީނާ ފާހަގަކުރެއްވި ގޮތުގައި، އުސްގެކޮޅު ރައްކާތެރިކޮށް ތަރައްގީކުރުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށްޓަކައި، އެތަނުގެ ތަޅުދަނޑިއާއި ބެލެހެއްޓުމުގެ ޒިންމާ ވުޒާރާއާ ހަވާލުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލްގައި ވަނީ އެދިފައެވެ. ނަމަވެސް، މިހާތަނަށް އެތަން ވުޒާރާއާ ހަވާލުކޮށްފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. މި ހާދިސާއާ ގުޅިގެން، ގާނޫނީ އޮނިގަނޑުގެ ތެރެއިން އެ ބިނާ ބެލެހެއްޓުމުގެ ހުރިހާ ކަމެއް ތަރިކައާ ބެހޭ ވުޒާރާގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
އުސްގެކޮޅަކީ 20 ވަނަ ގަރުނުގެ ކުރީކޮޅު، އައްސުލްތާން ހާޖީ ޢިމާދުއްދީން (ހަވަނަ) ބިނާކުރެއްވި، 100 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އާސާރީ ބިނާއެކެވެ. މިއީ މީގެ 74 އަހަރު ކުރިން ރާއްޖޭގެ އެންމެ ފުރަތަމަ ގައުމީ ދާރުލްއާސާރުވެސް ހުޅުވުނު ތާރީހީ އިމާރާތެވެ. ވުޒާރާއިން ބުނި ގޮތުގައި، މިފަދަ ބިނާތަކަށް ދޭ ގެއްލުންތަކުގެ ސަބަބުން އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބި، ގައުމުގެ ސަގާފީ އަގު ގެއްލިގެންދާނެއެވެ.

