ދިވެހި ރައްޔިތުންގެ ސީދާ ބަހެއް ނެތި، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރާނެ ނިޒާމެއް ދިވެހިން ބޭނުން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ޖުޣުރާފީ އާއި އާބާދީގެ ކުޑަކަމަށް ބަލާއިރު، ދިވެހިން އަބަދުވެސް އެދެނީ ޔުނިޓަރީ ނުވަތަ އެއްބައިވަންތަ ދައުލަތެއްގެ ސިފަތައް ދަމަހައްޓާނެ ރިޔާސީ ނިޒާމަކަށެވެ. އެއް ބަހަކުން ވާހަކަދައްކާ، އެއް ނަސްލެއްގެ ބަޔަކަށް ދިވެހިން ވީހިނދު، ޤައުމުގެ އެއްބައިވަންތަކަން ގެއްލިދާނެ ފަދަ ނިޒާމެއް ގެނައުމަށް ރައްޔިތުން ބޭނުންވާނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަދު ބަޔަކު ނުވަތަ ވަކި ޕާޓީއެއްގެ ލީޑަރުން ބޭނުންވެގެން ނިޒާމު ބަދަލުކުރަން އުޅުމަކީ ރައްޔިތުންގެ ނިންމުމާ ޚިލާފު ކަމެއް ކަމަށެވެ. "އެ މީހުންގެ ތެރޭގައި ވެރިކަން ކުރާހިތްވާލެއް ގިނައީ މީހުން. އެހެންވީމަ އެންމެންނަށް އެބަ ޖެހޭ ބޮޑެތި މަޤާމުތައް ދޭން ދެއްތޯ. ރައީސްކަމާއި، ބޮޑުވަޒީރުކަމާއި މިހެން ދެން ކޮންމެވެސް އެހެން ނަމެއް ކިޔާފައިވެސް ދީފާނެ،" އިދިކޮޅު ފަރާތްތަކުން ނިޒާމު ބަދަލުކުރަން އުޅޭ މަޤްޞަދާ މެދު ސުވާލު އުފައްދަވަމުން ރައީސް ވިދާޅުވިއެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ޤައުމުތަކުގައި ބަރުލަމާނީ ނިޒާމު އޮތުމުގެ ސަބަބުން، ވަރަށް ގާތްގާތުގައި ބޮޑުވަޒީރުން ބަދަލުވާން ޖެހޭކަން ފާހަގަކުރައްވައި، ރާއްޖެ ފަދަ ޤައުމަކަށް އެއީ އެންމެ އެކަށީގެންވާ ގޮތް ނޫން ކަމަށް އެމަނިކުފާނު އިޝާރާތް ކުރެއްވިއެވެ. ރާއްޖޭގެ މިހާރުގެ ޤާނޫނުއަސާސީގައި ރިޔާސީ ނިޒާމުގެ ހުރިހާ ސިފަތަކެއް ފުރިހަމައަށް ނެތް ނަމަވެސް، މައިގަނޑު ގޮތެއްގައި އޮތީ ރިޔާސީ ނިޒާމެއް ކަމަށާއި، ރައްޔިތުންނަށް އެ ނިޒާމުގެ ފައިދާ ސާފުކޮށް އެނގޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް 2007 ވަނަ އަހަރު ނެގުނު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި، ބޮޑު އަޣުލަބިއްޔަތަކުން ދިވެހިން ނިންމާފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށެވެ. އެހެންކަމުން، މިފަދަ ބޮޑު ނިންމުމެއް ބަދަލުކުރެވޭނީ އަލުން ރައްޔިތުންގެ ގާތަށް ގޮސް، ރައްޔިތުންގެ ސީދާ ވޯޓަކުން ކަމަށް ސިޔާސީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ވެސް ފާހަގަކުރެއެވެ.

