ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު ބުރުގައި، ވަރުގަދަ ޖަރުމަނު ބަލިކޮށް އިކުއެޑޯއިން ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. އެމެރިކާގެ ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ޖަރުމަނު ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. މިއާއެކު، ހުރިހާ މުބާރާތްތަކެއް ހިމެނޭހެން ބަލިނުވެ ޖަރުމަނުން ދަމަހައްޓަމުން އައި 11 މެޗުގެ މޮޅުވުމުގެ ސިލްސިލާ ވަނީ ނިމުމަކަށް އަތުވެފައެވެ.
މި މެޗަށް ނުކުތްއިރު އިކުއެޑޯއަށް މުބާރާތުގެ ކުރިއަށް ދިއުމަށް މޮޅުވުން މަޖުބޫރުވެފައި އޮތްއިރު، އަނެއްކޮޅުން އައިވަރީ ކޯސްޓުން ކުރަސާއޯ ބަލިކުރުމަށްވެސް އޮތީ ބޭނުންވެފައެވެ. އައިވަރީ ކޯސްޓުން 2-0 އިން ކުރަސާއޯ ބަލިކުރުމާއެކު، އިކުއެޑޯއަށް ވަނީ އެންމެ ރަނގަޅު ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފައެވެ.
މެޗުގެ ފުރަތަމަ ދެ މިނެޓުގެ ތެރޭގައި ޖަރުމަނުން ވަނީ ލަނޑެއް ޖަހައި ކުރިހޯދާފައެވެ. މި ލަނޑު ފްލޯރިއަން ވާޓްޒް ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ ލެރޯއި ސާނޭއެވެ. ނަމަވެސް، އޭގެ ހަތް މިނެޓު ފަހުން އިކުއެޑޯގެ ނިލްސަން އަންގޫލޯ ވަނީ 20 ޔާޑު ބޭރުން ފޮނުވާލި ހަމަލާއަކުން ނަތީޖާ ހަމަހަމަކޮށްފައެވެ. މިއީ ވޯލްޑް ކަޕްގައި ލަނޑެއް ނުޖެހި 242 މިނެޓު ހޭދަކުރުމަށްފަހު އިކުއެޑޯއިން ޖެހި ފުރަތަމަ ލަނޑެވެ.
މެޗުގެ ދެވަނަ ހާފުގައި ޖަރުމަނަށް ޕެނަލްޓީއެއް ދިނުމަށްފަހު، ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ. މެޗުގެ 78 ވަނަ މިނެޓުގައި އިކުއެޑޯއަށް މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ ގޮންޒާލޯ ޕްލާޓާއެވެ. މިއީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ކެވިން ރޮޑްރިގޭޒް ފޮނުވާލި ބޯޅައެއް ކީޕަރު މެނުއަލް ނޯޔާއަށްވުރެ ކުރިން ހޯދައި، ޕްލާޓާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.
މި ނަތީޖާއާއެކުވެސް ޖަރުމަނު ވަނީ ގުރޫޕުގެ އެއްވަނަ ހޯދާފައެވެ. އަދި ކުރާސިއޯ މުބާރާތުން ކަޓާފައިވާއިރު، އިކުއެޑޯ ވަނީ ގަދަ 32 ޓީމުގެ ބުރަށް ދަތުރުކޮށްފައެވެ. އޮޕްޓާ ސުޕަރކޮމްޕިއުޓަރުގެ ލަފާކުރުންތަކަށް ބަލާއިރު، ދެވަނަ ބުރުގައި އިކުއެޑޯ ނުކުންނަން ޖެހޭނީ އިންގްލެންޑާ ދެކޮޅަށެވެ.

