ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުއާ ވަކިން ބައްދަލުކުރަން ބޭނުންވާ ދިވެހި ރައްޔިތުންނަށް އެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
މި އުފާވެރި ކަބަރު އެމަނިކުފާނު ދިވެހި ރައްޔިތުންނަށް ދެއްވީ، ދައުލަތުގެ މީޑިޔާ، ޕީއެސްއެމްގެ “ނޭޝަން ޗެޓް” ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޕޮޑްކާސްޓުގެ އެންކަރ އެމަނިކުފާނާ ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ކޮންމެ ހަފްތާއެއްގެ އެއް ދުވަހު ނުވަތަ ދެ ދުވަހަކު ވަކި އުސޫލެއް ކަނޑައަޅައިގެން ވަކި ވަގުތުތަކެއްގައި އެމަނިކުފާނާ ރައްޔިތުންނަށް ވަކިން ބައްދަލުކުރެއްވޭ ގޮތަށް ހަމަޖައްސަމުންދާ ކަމަށެވެ.
އެ ބައްދަލުވުންތައް ބާއްވާނީ ދާއިރާތައް ވަކިވަކިން ކޮންމެ ދާއިރާއަކުން ވަކި އަދަދެއްގެ ރައްޔިތުންތަކަކާ އެކީ ކަމަށާއި 93 ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރަން ގިނަ ދުވަސްތަކެއް ނަގާނެ ކަމަށާ އެގޮތުން އަހަރެއްހާ ދުވަސް އެކަމަށް ނަގާފާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކިތަންމެ ދުވަހަކާ ވަގުތެއް ނެގި ނަމަވެސް ކޮންމެ ދާއިރާއަކުން 10 ވަރަކަށް ނޫނީ 15 ވަރަކަށް އާއިލާއާ ބައްދަލުވާ ކަމަށްވާ ނަމަ، ނުވަތަ 15 ވަރަކަށް ގޭގެ ފަރާތްތަކާ ބައްދަލުވާ ނަމަ، ވަރަށް ގިނަ މީހުންނަށް އެމީހަކު ބޭނުންވާ ވާހަކައެއް ދައްކަން ފުރުސަތު ލިބިގެން ދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމަކީ އެމަނިކުފާނު އެންމެ އިސްކަން ދެއްވާ ކަމުގެ ގޮތުގައި ފާހަގަކުރައްވާ ރައީސް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ރަށްރަށަށް ދަތުރުފުޅު ކުރައްވާއިރު، އިސްކަން ދެއްވާނީ ވެސް އެކަހަލަ ފުރުސަތުތައް ދިނުމަށް ކަމަށެވެ.
މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން މީގެ ކުރިން ރައީސް ބޭއްވެވި ބައްދަލުވުންތަކަށް އިޝާރާތްކުރައްވާ އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ ތެރެއިން ބައެއް މީހުން އެދުނު ކަންކަމަށް އެޑްރެސްކޮށްފައިވާ ކަމަށެވެ. އަދި އެއްވެސް މީހަކަށް އެމީހަކު އެދުނު ކަމަކާ ގުޅިގެން އެމަނިކުފާނުގެ ފަރާތްޕުުޅުން ޖަވާބެއް ނޫނީ ކަމެއް ހަމަޖައްސައި ނުދެވި އޮތް ނަމަ، އެކަން އެމަނިކުފާނާ ހަމައަށް ގެނެސްދިނުމަށް އެދިވަޑައިގެންނެވިއެވެ.

