“މޯލްޑިވްސް ޑިޖިޓަލް ހެލްތު ބްލޫ ޕްރިންޓް” އިފްތިތާޙުކޮށްފިއެވެ.
މޯލްޑިވްސް ޑިޖިޓަލް ހެލްތު ބްލޫޕްރިންޓް 2026-2030″ އަކީ، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އަދި ޖަޕާނު ސަރުކާރުގެ ފަންނީ އަދި މާލީ އެހީތެރިކަމާއެކު އެކުލަވާލެވުނު ޕްރިންޓެކެވެ. މިއީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރާއްޖޭގެ ސިއްޙީ ދާއިރާ ހަރުދަނާކޮށް ޒަމާނީ ކުރުމަށް ކުރެވޭ މަސައްކަތްތަކަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، ޑިޖިޓަލް ޞިއްޙީ ނިޒާމަކީ ހަމައެކަނި މުސްތަޤުބަލަށް ކުރާ އުންމީދެއްގެ އިތުރުން އެއީ މިއަދަށް ކޮންމެހެން ބޭނުންތެރި ނިޒާމެއްކަމަށެވެ.
ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، މި ބްލޫ ޕްރިންޓް ޝާއިއުކުރުމަކީ “މޯލްޑިވްސް 2.0 ހެލްތު ސެކްޓަރ ރޯޑްމެޕް” ގެ ދަށުން ކުރުމަށް ކަނޑައެޅުނު ފުރަތަމަ މަސައްކަތް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތާއި، ރައްޔިތުންގެ ޞިއްޙީ ބޭނުންތައް އިތުރުވަމުންދާ މިންވަރަށް ބަލާއިރު، މާލޭގައި ދިރިއުޅޭ މީހެއް ކަމުގައިވީނަމަވެސް ނުވަތަ އެންމެ ދުރު އަތޮޅެއްގައި ދިރިއުޅޭ މީހެއް ކަމުގައިވީނަމަވެސް، ކޮންމެ ރައްޔިތަކަށްމެ އިތުބާރު ހުރި ޞިއްޙީ ޚިދުމަތްތައް އަވަސްކަމާއެކު ލިބޭނެ މަގު ކަށަވަރުކޮށްދޭންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެއްވިއުގައަކުން ގުޅިފައިވާ، ތަފާސްހިސާބުތަކަށް ބިނާވެފައިވާ، އަދި ރައްޔިތުންނަށް އިސްކަންދޭ ޞިއްޙީ ނިޒާމަކީ ހަމައެކަނި ތަނަވަސްކަމުގެ ނިޝާނެއް ނޫންކަމަށެވެ. އެއީ ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުމަށް ބޭނުންވާ އަސާސީ ކަމެއްކަމަށް ވިދާޅުވިއެވެ.
“މޯލްޑިވްސް ޑިޖިޓަލް ހެލްތު ބްލޫޕްރިންޓް” އަކީ އެކަމުގެ ބިންގާކަމަށާއި، މި ޕްލޭންގައި ދާން ބޭނުންވާ މަންޒިލްގެ އިތުރުން، އެ މަންޒިލަށް ވާސިލްވުމަށްޓަކައި ކުރާނެ މަސައްކަތްތައްވެސް ހިމަނާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ “މޯލްޑިވްސް 2.0” ތަސައްވުރުގެ މުހިންމު ބައެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މި ސިޔާސަތު ބައްޓަންވެފައިވަނީ ހަމައެކަނި ޓެކްނޮލޮޖީގެ ރޮނގުން ކުރިއެރުން ނޫންކަމަށެވެ. މީގެތެރެއިން ސަރުކާރުން ރައްޔިތުންނަށް ޚިދުމަތްދޭ ގޮތް ބަދަލުކޮށް، ފަސޭހަކަމާއެކު ޚިދުމަތްތައް ލިބޭނެގޮތް ހަދައި، މުއައްސަސާތައް ގުޅިފައިވާ، އަދި ރައްޔިތުން ބާރުވެރިކުރުވާނެ ޤައުމެއް ބިނާކުރުން ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ.
މޯލްޑިވްސް ޑިޖިޓަލް ހެލްތު ބްލޫޕްރިންޓް 2026-2030″ އިފްތިތާޙްކުރުމަށްފަހު، އެންމެ ބޮޑު އިސްކަމެއް ދޭނީ ކުރިއަށް އޮތް 12 މަހާއި 18 މަސްދުވަހުގެ ތެރޭގައި ކަނޑައެޅިފައިވާ މުހިންމު ކަންތައްތައް ތަންފީޒުކުރުމަށެވެ.
މީގެ ތެރޭގައި ޑިޖިޓަލް ސިއްޙީ ނިޒާމުގެ ހިންގުން ހަރުދަނާކުރުމާއި، އެކި ސިސްޓަމްސްތައް ގުޅާލުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި، މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކޮށް، ކުރިމަގުގައި ޑިޖިޓަލައިޒޭޝަންއަށް ކުރެވޭ އިންވެސްޓްމަންޓްތައް ހަރުދަނާކުރުމެވެ.
މި ބްލޫޕްރިންޓްގައި ރާއްޖޭގެ ސިއްޙީ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް ގެންގުޅޭނެ ޤައުމީ ތަޞައްވުރާއި މިޞްރާބު ހިމަނާފައިވެއެވެ. އަދި ރައްޔިތުންނަށް އިސްކަންދޭ، ރައްކާތެރި، ޑިޖިޓަލް ސިއްޙީ ނިޒާމެއް ބިނާކުރުމަށް ބޭނުންވާ ހިންގުމުގެ އޮނިގަނޑުތަކާއި، މިންގަނޑުތަކާއި، ޑިޖިޓަލް ޤާބިލުކަން އިތުރުކުރުމާއި އަސާސީ އިންވެސްޓްމަންޓްތަކުގެ ތަފްޞީލުވެސް މި ބްލޫޕްރިންޓްގައި ހިމެނިފައިވެއެވެ

