އަމާނާތްތަކަށް ރައްކާތެރިވުމަކީ އީމާންކަމުގެ ފުރިހަމަކަމާ ގުޅިފައިވާ މުހިންމު ސިފައެއްކަން ފާހަގަކޮށް، މުޅި މުޖުތަމަޢުގެ ޞުލްޙަވެރިކަމާއި އަމާންކަން ދެމެހެއްޓުމަށްޓަކައި އަމާނާތްތެރިވުމަށް މިއަދުގެ ހުކުރު ޚުޠުބާގައި އިލްތިމާސްކޮށްފިއެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ޚުޠުބާ ބިނާކޮށްފައިވަނީ އަމާނާތްތެރިކަމުގެ މަތިވެރި ސިފައާއި، ޚިޔާނާތްތެރިވުމުގެ ނުބައިކަމުގެ މައްޗަށެވެ.
ޚުޠުބާގައި ބަޔާންކުރި ގޮތުގައި، އަމާނާތްތެރިކަމުގެ ސަބަބުން މީސްތަކުންގެ މެދުގައި ލޯތްބާއި އިތުބާރު ބޮޑުވެ، ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބިގެންދެއެވެ. ވަކިން ޚާއްޞަކޮށް، ދައުލަތާއި ރައްޔިތުންގެ މުދަލާއި ފައިސާއަކީ އެންމެހައި ރައްޔިތުންގެ ޙައްޤަކަށް ވާތީ، އެ ތަކެއްޗަށް އަމިއްލަ މުދަލަށްވުރެ ބޮޑަށް ރައްކާތެރިވާންޖެހޭނެ ކަމަށް ޚުޠުބާގައި ނަސޭހަތްތެރިވިއެވެ.
އަމާނާތަށް ޚިޔާނާތްތެރިވުމުގެ ނުރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން، އެއީ މުނާފިޤުންގެ ސިފައެއްކަން ކީރިތި ރަސޫލާގެ ޙަދީޘްފުޅުން ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ. “އޭނާއާ އަމާނާތެއް ހަވާލުކޮށްފި ނަމަ އެއަށް ޚިޔާނާތްތެރިވާނެއެވެ. އަދި ވާހަކައެއްދައްކައިފި ނަމަ ދޮގުހަދާނެއެވެ. އަދި ޢަހުދެއްކޮށްފި ނަމަ އެއާ ޚިލާފުވާނެއެވެ.” މިފަދަ ސިފަތަކުން ދުރުހެލިވުމަށް މިއަދުގެ ޚުޠުބާގައި ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން، އަމާނާތްތެރިކަމުގެ ދާއިރާ ފުޅާވެގެންވާކަން ފާހަގަކުރައްވައި، ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް ތެދުވެރިކަމާއެކު އަދާކުރުމަކީވެސް އަމާނާތެއް ކަމުގައި ޚުޠުބާގައި ވިދާޅުވިއެވެ. އަދި ތިމާވެއްޓަށް ގެއްލުން ނުދީ، އިސްރާފުނުކޮށް ޤުދުރަތީ ވަސީލަތްތައް ބޭނުންކުރުމަކީ އަންނާން އޮތް ޖީލުތަކަށްޓަކައި އަދާކުރަންޖެހޭ ބޮޑު އަމާނާތެއްކަންވެސް ފާހަގަކުރެއްވިއެވެ.
ޚުޠުބާ ނިންމާލަމުން ވަނީ، އަމާނާތްތެރިކަން ނެތިގޮސް ޚިޔާނާތްތެރިވުމަކީ މުޖުތަމަޢުގެ ބިންގާ ރޫޅި، ކަރަޕްޝަނާއި އަނިޔާވެރިކަން ފެތުރިގެންދާނެ ކަމެއްކަމުގެ އިންޒާރު ދީފައެވެ. އަދި ޤިޔާމަތް ދުވަހުން ކޮންމެ އަމާނާތަކާ މެދު ސުވާލުކުރެވޭނެކަން ހަނދާންކޮށްދީ، މާތް ﷲ އަށް ބިރުވެތިވެ، އެންމެހައި ކަންކަމުގައި އަމާނާތްތެރިވުމަށް ހުރިހާ މުސްލިމުންނަށް ވަނީ ގޮވާލާފައެވެ.

