މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ދުނިޔޭގެ އެންމެ ބޮޑު ރީތީގެ މުބާރާތް ކަމަށްވާ “މިސް ޔުނިވާސް” ގައި ރާއްޖެ ތަމްސީލުކުރާނެ ބައިވެރިއަކަށް އުމުރުން 18 އަހަރުގެ މޮޑެލް އައިމިނަތު ޔުއީން މުހައްމަދު ކަަމަށް އިއުލފިއެވެ. ސްރީލަންކާގެ ކޮލަމްބޯގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޔުއީން ވަނީ މިސް ޔުނިވާސް މޯލްޑިވްސް 2026 ގެ ތާޖު ހާސިލުކޮށްފައެވެ.
މި މުބާރާތުގެ 75 ވަނަ އެޑިޝަން އަންނަ ނޮވެމްބަރު މަހު އެމެރިކާގެ ޕޯޓެރިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޔުއީން ވެގެންދާނީ މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ދެވަނަ ދިވެއްސަށެވެ. މީގެ ކުރިން 2024 ވަނަ އަހަރު ރާއްޖެއިން ފުރަތަމަ ފަހަރަށް މި މުބާރާތުގައި ބައިވެރިވިއިރު، އެ ފަހަރު ރާއްޖެ ތަމްސީލުކުރީ މަރިޔަމް ޝައިނާ ނަސީމެވެ. ޔުއީންއަކީ މި މުބާރާތުގެ ތާރީހުގައި ބުރުގާ އަޅައިގެން ވާދަކުރާ ދެވަނަ ބައިވެރިޔާކަން ފާހަގަކޮށްލެވެއެވެ.
މި މުބާރާތުގެ އިންތިޒާމުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މިއީ ހަމައެކަނި ބޭރުފުށުގެ ރީތިކަމަށް ބަލާ މުބާރާތެއް ނޫނެވެ. މީގައި ބައިވެރިންގެ ގާބިލުކަމާއި، މުޖުތަމައަށް ފައިދާހުރި މަސައްކަތްތަކަށް ބަލާނެ ކަމަށް އެ ފަރާތްތަކުން ބުނެއެވެ. ޔުއީންގެ ބައިވެރިވުމަކީ ދިވެހި ޒުވާނުންނަށް ލިބޭނެ ހިތްވަރެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރެއެވެ.
މިދިޔަ އަހަރު ތައިލޭންޑްގެ ބެންކޮކްގައި ބޭއްވި މިސް ޔުނިވާސް މުބާރާތުގެ ތާޖު ހާސިލުކޮށްފައިވަނީ މެކްސިކޯގެ ފާތިމާ ބޯޝްއެވެ. މިއަހަރުގެ މުބާރާތުގައި ޔުއީން ވާދަކުރާއިރު، އޭނާގެ ދަތުރަށް ގިނަ ބައެއްގެ ސަމާލުކަން މިހާރު ވަނީ ހުއްޓިފައެވެ.

