މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާދީ، އަލުން މުޖުތަމަޢަށް ނެރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިއަހަރުގެ ފަހުކޮޅު މުޅިން އަލަށް ތިން ރިހެބިލިޓޭޝަން ސެންޓަރެއް ހުޅުވުމަށް ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ މަސްތުވާތަކެތީގެ ބޭނުންކުރުމާއި އޭގެ ޣައިރުޤާނޫނީ ވިޔަފާރިއާ ދެކޮޅަށް ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި މަސްތުވާތަކެތީގެ މައްސަލައަކީ މުޅި މުޖުތަމަޢުގެ ބަދަހިކަމަށް ބުރޫއަރާ، އިޖުތިމާޢީ، އިޤްތިޞާދީ އަދި ޤައުމީ ސަލާމަތަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ. އަދި މި ވަބާއާ ދެކޮޅަށް މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފައެވެ.
މިއަހަރުގެ ބައިނަލްއަޤުވާމީ ޝިއާރު ކަމަށްވާ “ދުނިޔޭގެ މަސްތުވާތަކެތީގެ މައްސަލަ: ދެމިއޮތް ކަންބޮޑުވުންތައް، އައު ގޮންޖެހުންތައް، އައު އީޖާދީ ހައްލުތައް” މި މައުޟޫޢަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަކީ ޤައުމުގެ މުސްތަޤްބަލާއި ޒުވާނުންގެ ރައްކާތެރިކަމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ބައިނަލްއަޤުވާމީ މުޖުތަމަޢާއެކު މި މަސައްކަތުގައި ރާއްޖެ ސާބިތުކަމާއެކު އޮންނާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ސަރުކާރުން އަލަށް ހުޅުވުމަށް ތައްޔާރުވަމުންދާ ތިން ރިހެބިލިޓޭޝަން ސެންޓަރަކީ ވަށާޖެހޭ ފުރިހަމަ ޚިދުމަތްތަކެއް ލިބޭނެ ތަންތަންކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ޤާނޫނަށް ގެނެވުނު އިޞްލާޙުތަކާއެކު މުއައްސަސާތަކުގެ ގުޅުން ވަރުގަދަވެ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކްތައް ރޫޅާލުމަށް ކުރެވޭ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ، މަސްތުވާތަކެތިން ސަލާމަތްވެފައިވާ މުޖުތަމަޢެއް ބިނާކުރުމަށް އާއިލާތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި ޕްރައިވެޓް ސެކްޓަރ ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވަމުންނެވެ. އެކަކު އަނެކަކަށް އަޅާލާ، އޯގާތެރި މުޖުތަމަޢެއްގެ ތެރެއިން ފަރުދުން ބާރުވެރިކުރުވައިގެން މި ނުރައްކަލުން ސަލާމަތްވެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

