ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ފަޅުތެރޭގައި އުޅަނދުފަހަރު ބޭއްވުމާއި ހުއްދަތަކަށް އެދި ހުށަހެޅުމުގެ ކަންކަން ހަރުދަނާކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް ތަޢާރަފުކޮށްފިއެވެ.
އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން “ހާބާ ޕޯޓަލް”ގެ ނަމުގައި ތައާރަފުކުރި އެ ޕޯޓަލްގެ މަގުސަދަކީ، އުޅަނދުތައް ރަޖިސްޓްރީކުރުމާއި ފަޅުތެރެ ބެލެހެއްޓުމާ ގުޅޭ ކަންކަން ދެފުށް ފެންނަ ފަސޭހަ ނިޒާމެއްގެ ތެރެއިން ކުރުން ކަމަށެވެ. އޭގެ އިތުރުން، މި ޕޯޓަލްގެ މެދުވެރިކޮށް ފަޅުތެރެ ބޭނުންކުރާ އުޅަނދުފަހަރުގެ ރެކޯޑުތައް ބެލެހެއްޓުމާއި އޮޕަރޭޝަނަލް ކަންކަން މޮނިޓާ ކުރުމުގައި ލުއިފަސޭހަތަކެއް ލިބޭނެކަން އެމްއޭސީއެލްއިން ފާހަގަކުރިއެވެ.
މި ޕޯޓަލް ބޭނުންކުރަން ފެށުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާގައި އިސްކަންދެނީ އުޅަނދުތައް ރަޖިސްޓްރީކުރުމާއި، ޕޯޓަލް ބޭނުންކުރުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށެވެ. މިގޮތުން، އުޅަނދުތަކުގެ ވެރިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް މިހާރުވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެމްއޭސީއެލް އިން ބުނީ ރަޖިސްޓްރީކުރުމުގެ މަރުހަލާގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ފަޅުވެރިންނާ ސީދާ މުޢާމަލާތްކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ. އުޅަނދުތަކުގެ ވެރީންނާއި އޮޕަރޭޓަރުންނަށް ރަޖިސްޓްރީ ކުރުމަށް އެކަށީގެންވާ ވަގުތު ދިނުމުގެ ގޮތުން، މި މަރުހަލާ ޖުލައި މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
އެ ޕޯޓަލްގައި ރަޖިސްޓްރީ ކުރުމަށް އުޅަނދުތަކުގެ ވެރީންނާއި އޮޕަރޭޓަރުންނަށް އެކަށީގެންވާ ވަގުތުދިނުމުގެ ގޮތުން ރަޖިސްޓްރީކުރުމުގެ މަރުހަލާ އަންނަ މަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. އަދި، ފަހު މަރުހަލާގައި އެ ފުރިހަމައަށް ބޭނުންކުރަން ފެށުމާއެކު، ފަޅުތެރޭގެ ޚިދުމަތްތައް ހޯދުމުގެ ކުރިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވެ، ފަޅުތެރެ ބޭނުންކުރުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭނެކަން އެ ކުންފުނިން ފާހަގަކުރިއެވެ.
ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަނަށް ޚާއްސަ ޕޯޓަލެއް ތައާރަފުކުރިއިރު، އެއާޕޯޓުގެ ފަޅުތެރެ ކޮންމެ ދުވަހަކު އެތައް އުޅަނދެއް ބޭނުންކުރެއެވެ. އެހެންކަމުން މިއީ އެއަރޕޯޓުގެ އޮޕަރޭޝަންތައް ޑިޖިޓަލައިޒްކޮށް، ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެމްއޭސީއެލް އިން ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.

