ސަރުކާރު ހިންގާ ޕާޓީގެ ތެރެ އޮތީ ވަރަށް ބަދަހިކަމާ އެކު ވަރުގަދަކޮށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް، ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ، ވެރިކަން ކުރާ ޕީއެންސީގެ ލީޑަޝިޕްގެ ތެރޭގައި ހިޔާލު ތަފާތުވުން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ދޮގު ވަހަކަތަކާ ގުޅިގެން ޕީއެސްއެމްގެ “ނޭޝަން ޗެޓް” ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޕޮޑްކާސްޓުގެ ހޮސްޓު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ޕީއެންސީ ތެރޭގައި ހައިޖާނު އުފެއްދުމަކީ އިދިކޮޅު ފަރާތްތަކުން އުންމީދު ކުރާ އަދި މަސައްކަތް ކުރާ ކަމެއް ކަމަށެވެ. އެ ފަރާތްތަކުން ވެރިކަން ކުރިއިރު، ފެނުނީ ޕާޓީގެ ތެރޭގައި ހައިޖާނު އުފެދުނު ތަން ކަމަށް ރައީސް ވިދާޅުވިއެވެ. ބެލެވޭ ގޮތުގައި ރައީސް އެ އިޝާރާތް ކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ރައީސް މުުހައްމަދު ނަޝީދުއާ ދެމެދު އުފެދުނު ޚިޔާލުތަފާތުވުންތަކުގައި، އެމްޑީޕީ ބައިބައިވެގެން ދިޔަ ގޮތަށެވެ.
ނަމަވެސް އެމަނިކުފާނުގެ ވެރިކަމަށް ދެ އަހަރާއި ބައިވީއިރު، ޕާޓީ އޮތީ ބަދަހިކަމާއި ވަރުގަދަކަމާއެކުގައި ކަން ފާހަގަކުރައްވާ ރައީސް އިތުރަށް ވިދާޅުވީ، ޕީއެންސީގެ ލީޑަޝިޕުން ފެށިގެން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި ސްޓިއަރިން ކޮމިޓީތަކާއި އާންމު މެމްބަރުންގެ މަސައްކަތް ކުރަނީ އެކުވެރިކަމާއެކީ އެއް ރޫހެއްގައި ކަމަށެވެ.
އެހެންކަމުން ﷲގެ ތަނަވަސް ރަހުމަތުން ޕާޓީ އޮތީ ނުހަނު ބަދަހު ކަމާ ވަރުގަދަ ކަމާ އެކު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

