މިއަހަރުގެ އަޟްޙާ އީދުގެ ހަރަކާތްތައް އިސްލާމީ ހަމަތަކާއި ދީނީ އިމުގެ ތެރޭގައި ކުރިއަށްގެންދިޔަ 11 ފަރާތެއްގެ އަގުވަޒަންކޮށް، ޖަމިއްޔަތުއްސަލަފުގެ ފަރާތުން ހާއްސަ ހަނދާނީ ފިލާ އަރުވައިފިއެވެ. “އީދު އިމުގެ ތެރޭގައި” މި ނަމުގައި ކުރިއަށްގެންދާ މި ހަރަކާތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީދު ފާހަގަކުރުމަށް ހިންގާ ހަރަކާތްތައް ދީނީ އުސޫލުތަކާ އެއްގޮތަށް ބޭއްވުމަށް ބާރުއެޅުމުގެ މަގްސަދުގައި ބާއްވާ ހަރަކާތެކެވެ.
ސަލަފް ޖަމިއްޔާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ހޮވުނު ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ދާޚިލީ ސަލާމަތާ މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރު އީސާއެވެ. މިއީ 1446 ވަނަ އަހަރުން ފެށިގެން ސަލަފުން ދޭން ފެށި މި އިނާމު ދިން ދެވަނަ ފަހަރެވެ.
އެވޯޑު ހާސިލްކުރި ފަރާތްތައް
މިއަހަރު މި އެވޯޑު ހާސިލްކުރި 11 ފަރާތުގެ ތެރޭގައި ރަށު ކައުންސިލްތަކާއި، އަމިއްލަ ޖަމްޢިއްޔާތަކުގެ އިތުރުން އަވަށު އޮފީސްތައް ހިމެނެއެވެ. އެ ފަރާތްތަކަކީ:
- އދ. މާމިގިލި ކައުންސިލް
- ލ. މާވަށް ކައުންސިލް
- ޖަމްޢިއްޔަތުލް ޤަލަމް
- ޖަމްޢިއްޔަތު ރިސާލާ
- އަލްބައްޔިނާ
- އއ. ހިމަންދޫ ކައުންސިލް
- ރ. ކިނޮޅަސް ކައުންސިލް
- މ. ދިއްގަރު ކައުންސިލް
- ސ. މަރަދޫ ޢީދު އޯގަނައިޒިންގ ކޮމިޓީ
- އަލްމާނާރު ޖަމްޢިއްޔާ އަދި ފޭދޫ އަވަށު އޮފީސް
- ބ. ހިތާދޫ އިރުމަތީ އަވަށް
ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު މާހިރު ވިދާޅުވީ، ސަލަފް ފަދަ ޖަމިއްޔާތަކުން ކުރިއަށްގެންދާ މިފަދަ ހަރަކާތްތަކުގެ ސަބަބުން، މުންކަރާތްތަކާ ދުރުހެލިވެ އަމާންކަމާއެކު ޢީދު ފާހަގަކުރުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމަށެވެ. އަދި މިފަހަރުގެ އިނާމަށް 15 ފަރާތަކުން ކުރިމަތިލާފައިވުމަކީ ދީނީ ހޭލުންތެރިކަން އިތުރުވަމުންދާކަމުގެ ހެއްކެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
“ސަލަފް ޖަމްޢިއްޔާއަކީ ދީނީގޮތުން ވަރަށް ބޮޑެތި ޖިހާދުތަކެއް ކުރައްވާ ބޭފުޅުންތަކެއް ތިއްބަވާ ޖަމްޢިއްޔާއެއް، މި ޖަމްޢިއްޔާގެ ސަބަބުން އަޅުގަނޑުމެންގެ ދީނީ ހޭލުންތެރިކަން ވަރަށް ބޮޑަށް އިތުރުވެގެންދޭ،” މާހިރު ވިދާޅުވިއެވެ.
ޖަމްޢިއްޔަތުއްސަލަފުން ބުނި ގޮތުގައި، މި އެވޯޑު ދޭނެ ފަރާތްތައް ކަނޑައަޅާފައިވަނީ އެ ޖަމިއްޔާއިން އެކުލަވާލާފައިވާ ހާއްސަ މިންގަނޑުތަކަށް ރިޢާޔަތްކުރުމަށްފަހުގައެވެ. ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ހަރަކާތްތައް ފުޅާކޮށް، މީސްމީޑިއާ މެދުވެރިކޮށް ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްގެންދާނެ ކަމަށް އެ ޖަމިއްޔާއިން މައުލޫމާތު ދެއެވެ.

