މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބާޖަކުން ކޮންޓޭނަރުތަކެއް ކަނޑަށް ވެއްޓި، އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ ބާޖުން ކޮންޓޭނަރުތަކެއް ކަނޑަށް ވެއްޓި އޮޔާދާ ކަމުގެ މައުލޫމާތު އެމްޕީއެލް އިން ފުލުހުންނަށް ހޮނިހިރު ދުވަހުގެރޭގެ 11:10 ހާކަން އިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ ކޮންޓޭނަރުތައް މިހާރު އޮޔާދަނީ ދޫނިދުއާއި ފޭދޫފިނޮޅާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުންކަމުގައި ލަފާކޮށް ފުލުހުން ވަނީ، އެ ސަރަހައްދުގައި ކަނޑުދަތުރުކުރާ ފަރާތްތަކުން، ޚާއްސަކޮށް އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން، ފަރުވާތެރިކަމާއެކު ދަތުރުކުރުމަށް އިލްތިމާސްކުރައްވާފައެވެ.
މރޭ އިރާކޮޅުން ފެށިގެން ބޯކޮށް ވާރޭވެހި، ވައިގަދަވުމުގެ ސަބަބުން ކަނޑުތައް ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ. ވިއްސާރައިގައި ވައިގަދަވުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ގަސްތައް ވެއްޓި، މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އާންމު ދަތުރުފަތުރަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

